ފެންނަނީ މާލެސިޓީ މޭޔަރު އާދަމް އާޒިމް، ރައްޔިތުންގެ މެދުގައި ސަރުކާރަށް ނަފުރަތު އުފެއްދުމަށް މަސައްކަތްކުރާތަން ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކޮންގްރެސް ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން މެންބަރު މަމްދޫހު ވިދާޅުވީ 2021 ވަނަ އަހަރު މާލޭގެ މޭޔަރު ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވި ހިސާބުން ފެނިގެންދިޔައީ މާލޭގެ ރައްޔިތުން ހަމަޖެހުމުގެ ނޭވާއެއް ލީ މަންޒަރު ކަމަށެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ފެނިގެން ދިޔައީ ތަރުތީބު ކުރެވިގެން، މާލެއަށް ޒަމާންތަކެއް ވަންދެން ދިމާވަމުން އައިސްފައިހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުކަމަށް މަމްދޫހު ވިދާޅުވި އެވެ. އަދި އެއާއެކު މާލޭގެ ރައްޔިތުން އެދުނު ބަދަލުތައް، ލިބުނު 2 އަހަރާއި 6 މަސް ތެރޭގައި ގެނެސްދެއްވި ކަމަށް ވިދާޅުވި އެވެ. އަދި ތަފާތު ކަންތައްތަކެއް ކުރުމަށް ރޭވި، ލިޔެވި ބޭނުންވާ ހުރިހާ ފަންނީ އެހީތެރިކަމެއް ހޯދާފައިވާ ދަނޑިވަޅެއްގައި އެމްޑީޕީއަށް މާލޭގެ މޭޔަރުގެ ގޮނޑި އަލުން ލިބުމުން އަނެއްކާވެސް ފެނުނީ މަސައްކަތްތަކަށް ހުއްޓުމެއް އައި މަންޒަރު ކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ މިއަދާ ހިސާބަށް އައިއިރު ފެންނަން އޮތީ މާލެއަށް މިސަރުކާރުން ގެންނަން ބޭނުންވި އެތައް ތަރައްގީއެއް އަދި ހިދުމަތުގެ ގޮތުން އެތައް ކަންތައްތަކެއް މިއަދުގެ އެމްޑީޕީ މޭޔަރު ހުއްޓާލާފައި އޮތް މަންޒަރު ކަމަށެވެ.
މަމްދޫހު ވިދާޅުވީ ޤައުމީ ވިސްނުން ދޫކޮށް ސިޔާސީ ވިސްނުމެއްގައި މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ އެތައް ކަމެއް އެތައް މަސައްކަތެއް ހުއްޓި މަޑުޖެހިފައިވާ ކަމަށެވެ.
މިކަންކަން ބަދަލުކުރުމަށް ލިބެނީ އޭޕްރިލް 4 ވަނަ ދުވަސްކަން ފާހަގަކުރައްވާ މަމްދޫހު ވިދާޅުވީ މާލޭގެ ރައްޔިތުން މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އިންތިހާބު ކުރައްވާނެކަން ޔަގީންކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް 2 އަހަރު ނުވަނީސް އެމަނިކުފާނު ހުރިހާ ކައުންސިލްތަކާއި މާލޭގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ މަމްދޫހު ވިދާޅުވީ، މިގޮތަށް ރައްޔިތުންނާ ގާތުން އަދި ކައުންސިލްތަކާ ގާތުން މަސައްކަތްކުރި އެއްވެސް ސަރުކާރެއް އަދި ރައީސަކު ނެތްކަމަށެވެ.


