ފަރުހާދަށް ކުރަނީ ސާބިތު ނުހިފޭ ތުހުމަތެއް: މިނިސްޓަރ

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމުން، އެ މަގާމަށް ވަގުތީ ގޮތުން އައްޔަނުކޮށްފައިވަނީ ފަރުހާދެވެ. އަދި އޭގެ ކުރިން ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމުން ވެސް ވަގުތީ ގޮތުން ފަރުހާދާ އެ މަގާމު ހަވާލުކުރެއްވިއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކޮށް ފަރުހާދުގެ ބަދަލުގައި ނަވީނަށް މަގާމު ދިނެވެ.

ފަރުހާދުގެ މައްޗަށް ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27ގައި، އޭނާގެ ފިރިހެން ދަރިފުޅު މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ފަރުހާދުގެ ނުފޫޒު ބޭނުންކޮށްގެން، ދަރިފުޅު ސަލާމަތް ކުރަން އުޅުއްވި ކަމުގެ ތުހުމަތެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެކްޓިން ޕޮލިސް ކޮމިޝަނަރު ފަރުހާދުގެ މައްޗަށް އޮތް ތުހުމަތު މުއައްސަސާތަކުން ވަނީ ބަލާފައި ކަމަށާއި އެ އިން އެއްވެސް މުއައްސަސާއަކުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަން އަންގާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައަކީ ފަރުހާދުގެ މައްޗަށް ސާބިތު ނުވާ މައްސަލައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އެހެންވީމާ އަޅުގަނޑުމެންނަކީ ހުރިހާ މީހުންގެ މައްޗަށް ވެސް ކުރެވޭ ތުހުމަތުތައް ރަނގަޅަށް ބަލައި، އޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވާ ނަމަ އެ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަން ނުޖެހޭ ފަރާތަކަށް ވާނަމަ ބޭއިންސާފުން ނާއިންސާފުން ފިޔަވަޅެއް ނޭޅޭނެ“ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެކްޓިން ސީޕީ ކަމަށް ފަރުހާދު މިނިސްޓްރީން ވަކިން ހަވާލު ކޮށްފައި ނުވާ ކަމަށާއި އެއީ ގާނޫނު އޮތް ގޮތުން އޮޓަމެޓިކުން ހިނގި އިޖުރާއަތެއް ކަމަށެވެ. އެގޮތުން ސީޕީގެ މަގާމު ހުސްވާ ހާލަތުގައި އެ މަގާމަށް ޑެޕިއުޓީ ސީޕީއަކަށް ހުންނަވާ ބޭފުޅަކު ވަގުތީ ގޮތުން އައްޔަންވާން ޖެހެ އެވެ. މިހާރު އެ މަގާމުގައި ހުންނެވީ ފަރުހާދު އެކަންޏެވެ.

އެކްޓިން ކޮމިޝަނަރަށް ހަމަޖެއްސި ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 10، 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ.

ނަމަވެސް ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން އެއިރު ވަނީ ނިންމާފައެވެ. އެ ހުކުމް ދައުލަތުން އިސްތިއުނާފުކުރި ނަމަވެސް، ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *