ސަރުކާރާ އެއް ވިސްނުމެއްގައި ހިންގާ ސިޓީ ކައުންސިލެއް އައްޑޫގައި ނެތް ނަމަ ތަރައްގީއަށް ހުރަސް އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސަރުކާރާ އެއް ވިސްނުމެއްގައި ހިންގާ ސިޓީ ކައުންސިލެއް އައްޑޫގައި ނެތްނަމަ، އެ ސިޓީގެ ތަރައްގީއަށް ރާވާފައި ހުރި މުހިންމު މަޝްރޫއުތަކަށް ވަރަށް ފަސޭހައިން ހުރަސްއެޅޭނެ މަގު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީގެ ”ދަ ގްރޭޓާ އައްޑޫ“ ކެމްޕެއިން އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލައަކީ މިދިޔަ އެތައް ސަރުކާރަކަށް ހައްލު ނުވެ އޮތް މައްސަލައެއް ކަމަށާއި މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހާއި ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެމެ، އެ މައްސަލަ ހައްލުކޮށްދީފައި ނުވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭން އުޅޭއިރު ސިޓީ ކައުންސިލުން އެކަމަށް ހުރަސްއަޅާ ކަމުގެ އިޝާރާތެއް ވެސް ރައީސް ވަނީ ކުރައްވާފައެވެ.

"ލާމަރުކަޒީ ނިޒާމުގައި ކައުންސިލްތަކަކީ ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތައް ދީފައި އޮންނަ ބައެއް. މި ބާރުތައް ބޭނުންކޮށްގެން ވަރަށް ގިނަ ކަންކަން ހުއްޓުވޭނެ. ހުރަސްތައް ކުރިމަތި ކުރެވޭނެ. ސިޔާސީ ވިސްނުމުގައި، އަޅުގަނޑުމެންނާ ދެކޮޅު ސިޔާސީ ވިސްނުމުގެ ބަޔަކަށް އައްޑޫ ސިޓީގެ މެޖޯރިޓީ ނޫނީ މޭޔަރުގެ މަގާމު ފަދަ މުހިންމު މަގާމުތައް ދީފިކަމުގައި ވާ ނަމަ، އެ ބާރުތައް ބޭނުންކޮށްގެން ކޮށްލާ ކުޑަކުޑަ ކަމަކުން އެތައް މަހެއް ފަހަތަށް ޖައްސާލެވޭނެ،" ރައީސް ރޭގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެ ކަހަލަ ކަންކަން ކުރުމަށް ހަމަ އެއްވެސް ފުރުސަތެއް ނުދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *