ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް 51 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް އޮޑިވެރިންނަށް މިހާތަނަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ލޯނަށް އެދުމުގެ ފުރުސަތު މި ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަމަވެސް، މަސްވެރިންނަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން މިހާރު ވަނީ އާ އުސޫލުތަކަކާއެކު އަލުން ހުޅުވާލާފައެވެ.

މި ލޯނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދީ، މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވުމެވެ.

ވިޔަފާރި އޮންލައިންގައި ވާ ގޮތުގައި، މަސްވެރިކަމާ ބެހޭ ވުޒާރާއިން ދެއްވާ މަޢުލޫމާތުތަކަށް ބަލާއިރު، އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް މިހާތަނަށް 90 ފަރާތަކުން ލޯނަށް އެދިފައިވެއެވެ. މީގެ ތެރެއިން 45 ފަރާތެއްގެ ލޯނު މިހާރު ވަނީ އެޕްރޫވްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިއީ އޮޑިވެރިންގެ ކަންބޮޑުވުންތަކަށް ބަލައި ވަރަށް ބޮޑެތި ލުއިތަކަކާއެކު ހުޅުވާލާފައިވާ ފެސިލިޓީއެއް ކަމަށެވެ. "އަޅުގަނޑުމެން މި ޔަޤީން މިކުރަނީ އާރުއެސްޑަބްލިއު މި ސިސްޓަމް ދޯނިފަހަރުގައި ޤާއިމްކުރެވުނީމަ އެއިރުން ދެން ނުޖެހޭނެ އިތުރަށް ދުއްވައިގެން ލޭންޑް ބޭސްޑް ރަށްރަށުގައި ގާއިމްކުރެވިފައި މި ހުރި އައިސްޕްލާންޓްތަކަށް ދުއްވާކަށް،" ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ތެލަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ލޯނަށް އެދޭއިރު ބަލާ ކްރެޑިޓް ހިސްޓްރީގެ މުއްދަތުވެސް މިހާރު ވަނީ 1 އަހަރުން 3 މަސްދުވަހަށް ކުޑަކޮށްފައެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނަކީ އެއްވެސް ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން 2 މިލިޔަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެކެވެ.

އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް މިހާރު ފުރުސަތު ލިބިގެންދާނެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، ޖުމްލަ 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *