ހަނގުރާމައާ ގުޅިގެން ސައުދީގައި ތާށިވި ދިވެހި 50 އުމުރާވެރިން ރާއްޖެ ގެންނަނީ

އުމްރާގެ މަތިވެރި އަޅުކަމަށްފަހު، ރާއްޖެއަށް އަނބުރާ ނާދެވިފައިތިބި 50 އުމްރާވެރިން ސައުދީ އަރަބިއާގައި އެބަތިބި ކަމަށާއި އެމީހިން ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސައްވީސް މީޑިއާގައި ވާ ގޮތުގައި، މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މިވަގުތު 2،000 އަށްވުރެ ގިނަ އުމްރާވެރިން އުމްރާއަށް ގޮސް އެބަތިބި ކަމަށެވެ. އަދި އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް މެދުއިރުމަތީގައި މިވަގުތު ހިނގަަމުންދާ ހަނގުރާމައިގެ ސަބަބުން އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން 50 ކަށް އުމްރާވެރިން އެނބުރި ރާއްޖެ ނާދެވިފައި އެބަތިބި ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

”އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފަ ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އެކޮޅުން އަންނަން ދަތިވެފަ އެތިބީ. އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި“ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ ސަބަބުން ރާއްޖެއިން އުމްރާވެރިން ގޮވައިގެން ފުރަން އޮތް ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *