ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ދިވެހާރާއްޖޭގެ ޖުމްހާރީ ހަޔާތުގެ ތާރީހަށް ބަލާއިރު، ރައީސުލްޖުމްހާރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ފިޔަވާ އިޖުތިމާއީ، ސަގާފީ އަދި މުޖްތަމައުގެ އަހުލާގީ ބިންގާ ހަރުދަނާކުރެއްވުމުގައި މިހުންމު ދައުރެއް އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ މަހާ ރެހެންދިއެއް ދިވެހި ތާރީހު ދުވަހަކުވެސް ދެކެފައި ނެތެވެ. މެޑަމް ސާޖިދާ ފަސްޓް ލޭޑީގެ ހައިސިއްޔަތު ބޭނުން ކުރައްވަނީ ޝަރަފެއް ނުވަތަ ލަގަބެއްގެ ގޮތުގައެއް ނޫނުވެ، އޭގެ ބަދަލުގައި، މުޖުތަމައުގެ އެކި ދާއިރާތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި، ރައްޔިތުންގެ އަޑު ސަރުކާރުގެ އެންމެ މަތީ ފަންތިއާ ހާމައަށް ފޯރުކޮށްދިނުމަށް ލިބޭ ވަރުގަދަ މަންސައެއް ނުވަތަ ޕްލޮޓްފޯމެއްގެ ގޮތުގައެވެ. ދިވެހި ތާރީހަށް ނަޒަރު ހިންގާލާއިރު، މިފަދަ އަދުލުވެރި، ހިދުމަތްތެރި، ލާމަސީލު ފަސްޓް ލޭޑީއެއް މެޑަމް ސާޖިދާ ފިޔަވާ އެހެން ފަސްޓް ލޭޑީއެއް ޒަމާންވީ ދިވެހި ތާރީހު ނުދެކެވެ. އަދި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ދިވެހި ތާރީހުގައި ފެވިގެންދާ އެންމެ އިލްމީ، ހީވާގި، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ފަސްޓް ލޭޑީއެވެ. ސިޔާސި މައިދާނުގެ ތެރެއިން މެޑަމް ސާޖިދާ ފެނިގެންދިއުމުގެ މާ ކުރިންވެސް، އެކަމަނާއަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ފަންނީ އަދި އިލްމީ ގޮތުން އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ނަމޫނާ ކަނބަލެކެވެ. މިގޮތުން، މެޑަމް ސާޖިދާގެ މުޅި ހަޔާތްޕުޅު ބިނާވެފައިވަނީ އުނގެނުމާއި، އިންސާނީ ވަސީލަތް ކުރިއެރުވުމާއި، އަދި ގައުމީ ސަލާމަތާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މާތް އަސާސްތަކުގެ މައްޗަށެވެ.
ރައީސުލްޖުމްހާރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހުގައި ގައުމީ ބޮޑެތި ޒިންމާތައް އުފުއްލެވުމުގައި ސާބިތުކަމާއެކު މިއަދު ހުންނެވި މެޑަމް ސާޖިދާގެ ޝަހުސިއްޔަތަކީ މިއަދުގެ ޒުވާނުންނަށާއި އަންހެނުންނަށް ހުރި ހެޔޮވެގެންވާ ނަމޫނާއެކެވެ. އެކަމަނާގެ ދިރިއުޅުއްވުމުން ފެންނަ ސާދާކަމާއި، ވަޒީފާގެ މާހައުލުން ދެއްކެވި ނަޒާހާތްތެރިކަމަކީ ދިވެހި މުޖުތަމައު ބަލައިގަނެފައިވާ މުހިންމު ސިފަތަކެކެވެ.
ތައުލީމީ ފަސްމަންޒަރު
މެޑަމް ސާޖިދާ މުހައްމަދު އުފަންވެވަޑައިގަތީ 6 އޮގަސްޓް 1978 ގައި ދިވެހާރާއްޖޭގެ ވެރިރަށް ފުރަމާލެއަށެވެ. އެކަމަނާ ބޮޑުވެގެން އައީ ތައުލީމަށް ލޯބިކުރާ، އަދި އިސްލާމީ ރީތި އަހުލާގާއި، ދިވެހިވަންތަކަމުގެ އަސާސްތަކުގެ މަތީގައި ބިނާވެފައިވާ އާއިލާއެއްގެ ތެރޭގައެވެ. ކުޑަކުދިން ބޮޑުވަމުން އަންނަ މާހައުލަކީ އެކުދިންގެ މުޅި ހަޔާތުގެ ވިސްނުމާއި ސުލޫކު ބައްޓަންކޮށްދޭ އެންމެ މުހިންމު ބަހާއެވެ. މެޑަމް ސާޖިދާގެ އާއިލީ މާހައުލުން އެކަމަނާއަށް ދަސްކޮށް ދެއްވީ ހީވާގިކަމާއި، ނަޒާހަތްތެރިކަމާއި، އަދި އެހެން މީހުންނަށް އަޅާލުމުގެ މާތް ސިފަތަކެވެ. މި ސިފަތަކަކީ ފަހުން މެޑަމް ސާޖިދާގެ އިލްމީ އަދި ވަޒީފާގެ މާހައުލުގައިވެސް އެންމެ ބޮޑަށް ފާހާގަވެގެންދިޔަ ސިފަތަކެވެ.
މެޑަމް ސާޖިދާއަކީ ތައުލީމީ ގޮތުން މަތީ ހަރުފަތްތަކެއް ގިރާކުރައްވފައިވާ، ސައިންސުގެ ދާއިރާއިން ހާއްސަވެވަޑައިގެންފައިވާ ކަނބަލެކެވެ. އެކަމަނާ އިބްތިދާއީ އަދި ސާނަވީ ތައުލީމު ހާސިލު ކުރެއްވީ މާލޭގެ މަދުރަސާތަކުންނެވެ. އެއަށްފަހު، ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ބެންގަލޫރު ޔުނިވަރުސިޓީން ބަޔޯލޮޖީ، ކެމިސްޓްރީ އަދި ބަޔޯޓެކްނޮލޮޖީގެ ދާއިރާއިންނެވެ. މިއީ ސައިންސުގެ ބުރަ އަދި އެހާމެ ތަފްސީލީ ދާއިރާއެކެވެ. އަދި އެއަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެން، އިނގިރޭސިވިލާތުގެ ނިއުކާސަލް ޔުނިވަރުސިޓީން މެޑިކަލް މައިކްރޯބަޔޯލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ.
މެޑަމް ސާޖިދާ މުހައްމަދު މާސްޓާސް ޑިގްރީގެ ރިސާލާ ނުވަތަ ތީސިސް ހާއްސަކުރެއްވީ އާންމު ސިއްހަތާއި، މައިކްރޯބަޔޯލޮޖީގެ ފަންނީ ދިރާސާތަކުގެ މައްޗަށެވެ. އެކަމަނާގެ ތީސިސްގެ މައިގަނޑު އަސާސް ބިނާވެފައިވަނީ ބެކްޓީރިއާ އަދި ވައިރަސް ފަދަ ލޮލަށް ނުފެންނަ ދިރުންތަކުން އިންސާނާގެ ހަށިގަނޑަށާއި ކާބޯތަކެއްޗަށް ކުރާ ނޭދެވޭ އަސުރުތަކާއި، އެފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް ބޭނުންކުރެވޭނެ ސައިންޓިފިކް އުސޫލުތައް ހެދުމުގެ މައްޗަށެވެ. މި ދިރާސާގައި މެޑަމް ސާޖިދާ ވަނީ ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތަކާއި، ބޭހަށް ނުގުޑާ ބެކްޓީރިއާ (Antibiotic Resistance) އާ ދެކޮޅަށް ކުރެވޭނެ މަސައްކަތްތަކުގެ އިލްމީ ތަހުލީލުތަކަށް ވަރަށް ފުރިހަމައަށް ހުށަހަޅުއްވައިދެއްވާފައެވެ. މި އިލްމީ ފަސްމަންޒަރަކީ ކަންކަމުގައި ސައިންޓިފިކް ނުވަތަ އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ވިސްނުމުގެ ގާބިލުކަން މެޑަމް ސާޖިދާ ލިބިވަޑައިގެން ކަމެކެވެ. ހާއްސަކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބަލިތަކުން ރައްކާތެރިވުމާއި، ސިއްހީ ދާއިރާގެ ދިރާސާތަކަށް އެކަމަނާގެ ހިތްޕުޅުގައި އޮތް ޝައުގުވެރިކަން މީގެ ސިބަބުން އިތުރަށް ވަރުގަދަވެގެންދިޔައެވެ.
އިޖުތިމާއީ ހަޔާތްޕުޅު
މެޑަމް ސާޖިދާ މުހައްމަދަކީ ފަސްޓް ލޭޑީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް އަދި މިހާރުވެސް މުޖުތަމައަށް އަންނަމުންދާ ބަދަލުތަކާ ވަރަށް ގާތުން މަސައްކަތްކުރައްވާ ބޭކަނބަލެކެވެ. ހާއްސަކޮށް، ދިވެހި އަންހާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އިގުތިސޯދީ ގޮތުންނާއި އިލްމީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމަށް އެކަމަނާ އަބަދުވެސް ބާރުއަޅުއްވައެވެ. ގޭގައި ތިބެގެން ކުދި ވިޔަފާރިކުރާ އަންހެނުންނާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށް މެޑަމް ސާޖިދާ ގެންދަވަނީ އެކި މަންސަތަކުގައި ވަކާލާތު ކުރައްވަމުންނެވެ. އަންހެނުންގެ ސިއްހީ ދުޅަހާޔޮކަމާއި، ހާއްސަކޮށް މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ ގޮންޖެހުންތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަކީ އެކަމަނާގެ އިޖުތިމާއީ މަސައްކަތްޕުޅުތަކުގެ ތެރެއިން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.
މެޑަމް ސާޖިދާގެ އިޖުތިމާއީ ހަޔާތްޕުޅުން ފެންނަ އެންމެ މުހިންމު އެއް ސިފައަކީ މުޖުތަމައުގައި ތިބި އަޅާލުމާއި، އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމެވެ. މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، ޔަތީމުން އަދި މުޖުތަމައުގައި އެކި ސަބަބުތަކާހާރެ އެކަހެރިވެފައިވާ ފަރާތްތަކަށް ޒިޔާރަތްކުރައްވައި، އެފަރާތްތަކުގެ އިހުސިސިތައް އަމިއްލަފުޅަށް ދެނެގަތުމަށް މެޑަމް ސާޖިދާ އަބަދުވެސް އިސްކަންދެއްވައެވެ. ހަމައެއާއެކު، ހަލުވިކަމާއެކު ބަދަލުވަމުންދާ މި ޒަމާނުގެ ޒުވާން ޖީލަށް، އުމުރުން ދުވަސްވީ މީހުން ނުވަތަ އިސްރަށްވެހީންގެ ހިކުމަތާއި އަގުހުރި ތަޖުރިބާގެ ބޭނުން ހޯދައި ދެއްވުމަށްޓަކައި، އިޖުތިމާއީ ގިނަ ރޭވުންތަކެއް ރާއްވަވައި ހިންގެވުމުގައި މެޑަމް އަމަލީ ގޮތުން ހިއްސާވެ ވަޑައިގަންނަވައެވެ.
ފަސްޓް ލޭޑީގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހާ، އެކަމަނާ މިހާރު ކުރައްވާ އިޖުތިމާއީ މަސައްކަތްޕުޅުތަކަށް ބަލާއިރު، ދިވެހި އަންހެނުން އިގުތިސޯދީ ގޮތުން ކުރިއެރުވުމަށް ސަރުކާރުގެ އެކި ވުޒާރާތަކާ ގުޅިގެން ހާއްސަ ލޯނުތަކާއި ފުރުސަތުތައް ހޯދައިދިނުމަށް މެޑަމް ގެންދަވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އަދި އާންމު ސިއްހަތުގެ ދާއިރާއިން މުޖުތަމައު ހޭލުންތެރިކުރުމަށާއި، ހާއްސަކޮށް ސުކޫލްތަކުގެ މާހައުލުގައި ކުޑަކުދިންނަށް ދުޅަހެޔޮ ކާނާ ދިނުމުގެ މުހިންމުކަމުގެ މައްޗަށް ބޮޑެތި ކެމްޕޭންތައް ހިންގެވުމުގައި އެކަމަނާ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. އަދި މުޖުތަމައުގެ އެކި ކަންކޮޅުތަކުގައި ތިބި އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ މީހުންނަށް އަޅާލުމާއި، އެމީހުންނަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު އަހުލުވެރިކުރުމަކީވެސި މެޑަމް ސާޖިދާގެ މިހާރުގެ އިޖުތިމާއީ އެޖެންޑާގެ އެންމެ މުހިންމު އެއް ބާބެވެ.
އިޖުތިމާއީ ޖަމްއިއްޔާ
މެޑަމް ސާޖިދާ މުހައްމަދުގެ އިޖުތިމާއީ އަދި އިންސާނީ ހިދުމަތްތައް އިތުރަށް ފުޅާކުރައްވައި، މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކަށް އަމާޒުކޮށްގެން މަސައްކަތް ކުރެއްވުމަށްޓަކައި އެކަމަނާ ވަނީ އަމިއްލަ ޖަމްއިއްޔާއެއް(NGO) އުފައްދަވާފައެވެ. މި ޖަމްއިއްޔާ އުފެއްދެވިކަން މެޑަމް ސާޖިދާ ރަސްމީކޮށް އިއުލާން ކުރެއްވީ ދުބާއީގައި ބޭއްވުނު މާކް ފައުންޑޭޝަންގެ ހަތްވަނަ ސަމިޓުގެ ތެރެއިންނެވެ. އެކަމަނާ ބަޔާންކުރެއްވި ގޮތުގައި، މި ޖަމްއިއްޔާ އުފެއްދެވުމުގެ އަސްލު އިންސްޕިރޭޝަނަކީ ބައިނަލްއަގުވާމީ ފެންވަރުގައި މާކް ފައުންޑޭޝަނުން ކުރަމުންދާ އިންސާނީ އަދި ސިއްހީ ބޮޑެތި މަސައްކަތްޕުޅުތަކެވެ.
މި ޖަމްއިއްޔާގެ މައިގަނޑު މަގުސަދަކީ ދިވެހި މުޖުތަމައުގައި ހުރި ނާޒުކު އިޖުތިމާއީ އަދި ސިއްހީ ގޮންޖެހުންތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދިނުމެވެ. ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުވާ ސައިބަބުލީން (Cyberbullying) ނުވަތަ އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ފުރައްސާރަތަކުން ކުދިން ރައްކާތެރިކުރުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު އިސްލާހުކުރުމަށް ވަކާލާތުކުރުން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް މި ޖަމްއިއްޔާގެ އެންމެ މުހިންމު އެއް އަމާޒެވެ.
މި ޖަމްއިއްޔާގެ މުއައްސިސުގެ ހައިސިއްޔަތުން މެޑަމް ސާޖިދާ އިސްކަންދެއްވާ އަނެއް ދާއިރާއަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. ވަކިން ހާއްސަކޮށް ކެންސަރު ބަލި ދެނެގަތުމަށް ހަދާ ސްކްރީނިން ޕްރޮގްރާމްތައް އިތުރުކުރުމާއި، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މި ޖަމްއިއްޔާގެ ތެރެއިން ގިނަ މަސައްކަތްތަކެއް ދަނީ ރޭވެމުންނެވެ. މިއީ ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން، ސަރުކާރުގެ ރަސްމީ އޮނިގަނޑުން ބޭރުން، މަދަނީ ޖަމްއިއްޔާތަކުގެ ބާރުވެރިކަމާއެކު ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ނަތީޖާތަކެއް ނެރުއްވުމަށް މެޑަމް ކުރައްވާ ނަމޫނާ މަސައްކަތްޕުޅެކެވެ.
ހުނިޖަހާލެވޭ ބައެއް އިސްނެންގެވުންތައް
މެޑަމް ސާޖިދާ މުހައްމަދުގެ ފަސްޓް ލޭޑީކަމުގެ ދައުރުގައި، އެކަމަނާ ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހާގަކޮށްލެވޭ ބޮޑެތި އިސްނެންގެވުންތަކެއް އިސްވެ ނަންގަވާފައެވެ. ހާއްސަކޮށް ގައިންގަޔަށް ނާރާ ބަލިތައް (NCDs) މަދުކުރުމަށާއި، ހަކުރުބައްޔާއި، ކެންސަރު ފަދަ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އާއި ރާއްޖޭގެ ސިއްހީ އިދާރާތަކާ ގުޅިގެން މުހިންމު މަޝްވަރާތަކާއި ޕްރޮގްރާމްތައް ވަނީ ފައްޓަވައިދެއްވާފައެވެ. މި މަސައްކަތްޕުޅުތަކުގެ ސިބަބުން ދިވެހި މުޖުތަމައުގައި ދުޅަހެޔޮ، ދިރިއުޅުމުގެ އާދަތަކަށް ދެވޭ ސަމާލުކަން ވަނީ އިތުރުވެގެން ގޮސްފައެވެ.
ބައިނަލްއަގުވާމީ މައިދާނުގައި، އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (OIC) ގެ ބައްދަލުވުންތަކުގައާއި ބޭރުގެ ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި، މެޑަމް ސާޖިދާ ވަނީ މުސްލިމް އަންހެނުންގެ ހައްގުތަކާއި، ތައުލީމީ އަދި އިގުތިސޯދީ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ހުއްޖިއްޔަތު ގާއިމު ކުރަްވަފައެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމަކަށް ވީނަމަވެސް، އަންހެނުން ބާރުވެރިކުރުވުމުގައި ރާއްޖެއިން ހާސިލުކޮށްފައިވާ ކާމިޔާބީތައް އެކަމަނާ ވަނީ ދުނިޔޭގެ ކުރިމަތީގައި ނަމޫނާއެއްގެ ގޮތުގައި ދައްކުވައިދެއްވާފައެވެ. މިއީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ޕްލެޓްފޯމުތަކުގައި ލިބުނު ބޮޑު ފަހުރަކާއި، ޝަރަފެކެވެ.
މީގެ އިތުރުން، މެޑަމް ސާޖިދާ ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި (SMEs) އުޅޭ އަންހުނުންގެ އުފެއްދުންތައް މާކެޓްކުރުމަށްޓަކައި 'ހީވާގި ކަނބަލުން' ފަދަ މައުރަޒުތަކާއި، ބާޒާރުތައް އިންތިޒާމުކުރުމަށް ސަރުކާރަށް ބޮޑެތި އިރުޝާދުތަކެއް ދެއްވާފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން، ގޭގައި ތިބެގެން މަސައްކަތްކުރާ އެތައް ސަތޭކަ އަންހެނުންނަކަށް އަމިއްލައަށް އާމްދަނީ ހޯދުމުގެ މަގު ފަހިވެ، އިގުތިސޯދީ ގޮތުން ކުރިއެރުން ލިބިގެންދިޔައެވެ. މެޑަމް ސާޖިދާގެ މިފަދަ އަމަލީ އިސްނެންގެވުންތަކުން ހާމަވަނީ އެކަމަނާއަކީ ހަމައެކަނި ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫންކަމާއި، ނަތީޖާ ނެރުއްވުމަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމެވެ.
ޝަހުސިއްޔަތުގެ ހާއްސަ ސިފަފުޅުތައް
މެޑަމް ސާޖިދާގެ ޝަހުސިއްޔަތުގެ ހާއްސަ ސިފަފުޅުތަކަށް ބަލާއިރު، އެންމެ ފުރަތަމަވެސް ފާހަގަވަނީ އެކަމަނާގެ ކިބައިގައި ހުރި ސީދާކަމާއި، ހިތްތިރިކަމެވެ. މެޑަމް ސާޖިދާއަކީ ކިތަންމެ މަތީ މަގާމެއްގައި ހުންނެވި ނަމަވެސް، ކޮންމެ މީހާކާވެސް ނުހަނު ލޯތްބާއި އިހުތިރާމާއެކު ބައްދަލުކުރައްވާ ބޭފުޅެކެވެ. އެކަމަނާގެ ވާހަކަދެއްކެވުމުގެ ސިދާކަމާއި، ހެދުން އެޅުއްވުމުގެ ކޮމްޕްލެކްސި ނޫން، ސާދާ ގޮތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް އެކަމަނާއަކީ ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި އިހުސާސެއް ނުވެއެވެ. އާދައިގެ ރައްޔިތަކާ ބައްދަލުވިޔަސް، އެމީހެއްގެ ވާހަކަތައް ނުހަނު ކަނުލައި އަޑުއެއްސެވުމަކީ މެޑަމް ސާޖިދާގެ ޝަހުސިއްޔަތުގެ ޒީނަތްތެރިކަން އިތުރަށް ވިދާ ބަބުޅާ ކަމެކެވެ.
މީގެ އިތުރުން، މެޑަމް ސާޖިދާއަކީ އާދަޔާހިލާފު އިލްމީ ވިސްނުމެއްގެ ހިކުމަތްތެރިއެކެވެ. ކޮންމެ މައުލޫއަކަށް ވާހާކަދެއްކެވި ނަމަވެސް، މެޑަމް ސާޖިދާގެ ވާހަކަފުޅުތައް ބިނާވާނީ ސިއިންޓިފިކް ހާކިތަކާއި، ދިރާސާތަކާއި، އަދި ހަގީގަތްތަކުގެ މައްޗަށެވެ. މިއީ މެޑަމް ސާޖިދާ ހާސިލުކުރައްވާފައިވާ ތައުލީމުގެ ނަތީޖާއެވެ. އަދި މެޑަމް ސާޖިދާ އެއްވެސް ކަމެއްގައި ޖަޒުބާތުގައި ޖެހިވަޑައިގަތުމުގެ ބަދަލުގައި، އެކަމަނާގެ ކިބައިން ފެނިގެންދަނީ ބުއްދިވެރިކަމާއި، ހިކުމަތްތެރިކަމެވެ.
މެޑަމް ސާޖިދާގެ ޝަހުސިއްޔަތު ޖަރީވެފައިވާ އަނެއް މުހިންމު ސިފައަކީ ކެތްތެރިކަމާއި، ފިރިކަލުން ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސިޔާސީ ބުރަ ހަޔާތްޕުޅުގައި ދެއްވަވާ ސާބިތު އެހީތެރިކަމެވެ. ސިޔާސީ ގޮތުން ނަގާ ރާޅުތަކާއި، އަންނަ ތޫފާންތަކާއި، ގޮންޖެހުން ބޮޑެތި ދަނޑިވަޅުތަކުގައި އާއިލާގެ އެއްބައިވަންތަކަން ހިފެހާއްޓެވުމުގައި މެޑަމް ސާޖިދާ އަދާކުރެއްވީ މުހިންމު ދައުރެކެވެ. ދަރިން ތަރުބިއްޔަތު ކުރެއްވުމުގައި މެޑަމް ސާޖިދާ އިސްލާމީ ރީތި އާދަކާދަތައް ހިފަހައްޓަވައެވެ. އަދި ތައުލީމަށް އިސްކަންދެއްވައެވެ. މިގޮތުން، އާއިލީ ދިރިއުޅުއްވުމާއި، ވަޒީފާގެ ޒިންމާތަކާއި، އަދި ގައުމީ މަސްއޫލިއްޔަތުތައް އެއްހަމައެއްގައި ހިފެހާއްޓެވުމަކީ މެޑަމް ސާޖިދާގެ ކިބައިގައި ހުރި ހިންގުންތެރިކަމާއި، ނަފްސާނީ ގާބިލުކަމާއި، ދުޅަހެޔޮކަން ވަރުގަދަކަން ހާމަކޮށްދޭ ފާލެކެވެ.
ގައުމީ ހިދުމަތް
މެޑަމް ސާޖިދާގެ ގައުމީ ހިދުމަތުގެ ދިގު ތާރީހާށް ބަލާއިރު، އެކަމަނާ ވަނީ ދިވެހި ސިވިލް ސާވިސްގައި ގާތްގަނޑަކަށް 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ހިދުމަތް ކުރައްވާފައެވެ. ހާއްސަކޮށް މޯލްޑިވްސި ފުޑް އެންޑް ޑްރަގް އޮތޯރިޓީ (MFDA) ގެ ސިނިއާ ސައިންޓިފިކް އޮފިސިރުގެ މަގާމާއި، ލެބޯޓްރީގެ އިސް މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކަކީ ގައުމީ ފެންވަރުގައި ރަންއަކުރުން ފަވާލެވޭ ހިދުމަތްތަކެވެ. ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ފެންވަރު ބެލުމާއި، ބޭސްފަރުވާއަށް ބޭނުންކުރާ ބޭހުގެ ރައްކާތެރިކަން ތަހުލީލުކޮށް ކަށަވަރުކުރުމުގައި އެކަމަނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ވަޒީފާގެ މާހައުލުގައި މެޑަމް ސާޖިދާއަކީ ސިޔާސި ނުފޫޒުތަކުން އެއްކިބާވެ، ގާނޫނާއި ގަވާއިދުގެ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި، ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރެއްވި ހީވާޣި، މުރާލި އަދި ނަމޫނާ މުވައްޒަފެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހެދިފައިވާ ސިޔާސިތުތައް ތަންފީޒުކުރުމުގައާއި، ރައްޔިތުންގެ ފުރާނައަށް ގެއްލުންވެދާނެ ފަދަ ނުރައްކާތެރި މާއްދާތައް އެކުލެވޭ ތަކެތި ބާޒާރަށް ނުކުތުން ހުއްޓުވުމުގައި އެކަމަނާ ވަނީ ފަސްޖެހުމެއް ނެތް ސާބިތުކަމެއް ދައްކަވާފައެވެ. ސިވިލް ސާވިސްގެ ވަޒީފާއަކީ ރައްޔިތުންނަށް ހިދުމަތްކުރުމުގެ މުގައްދަސް އަދި އަގު މާތް ޒިންމާއެއްކަން މެޑަމް ސާޖިދާގެ އަމަލީ ހަޔާތްޕުޅުން ސާބިތުކޮށްދެއްވިއެވެ.
ފަސްޓް ލޭޑީގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމަށްފަހު، މެޑަމް ސާޖިދާގެ ގައުމީ ހިދުމަތްތައް ވަނީ މުޅިން އާ ހަރުފަތަކަށް އުފުލިފައެވެ. އެކަމަނާ މިހާރު އިސްކަން ދެއްވަނީ ހަމައެކަނި ރަސްމީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމެއް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އާންމު ސިއްހަތު ސަލާމަތްކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކުން (NCDs) ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ބޮޑެތި ކެމްޕޭންތައް ހިންގެވުމުގައި އެކަމަނާ އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ. އަދި ރައީސުލްޖުމްހާރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ 'ދިވެހާ ގައުމިއްޔަތު' ދިރުވުމުގެ ސިޔާސަތުގެ ދަށުން، ދިވެހާ ސިގާފަތާއި، އާދަކާދަތަކާއި، އަދި އިލްމީ އައިޑެންޓިޓީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ ގައުމީ މަސައްކަތުގައި މެޑަމް ސާޖިދާ އަކީ އެންމެ ވަރުގަދަ އެއް ތަނބެވެ.
ނިންމުން
މެޑަމް ސާޖިދާ މުހައްމަދަކީ އިލްމާއި، އިންސާނީ ހިދުމަތާއި، އަދި ގައުމީ ލޯތްބާ ގުޅިލާމެހާފައިވާ ފުރިހަމަ، ލާމަސީލު ޝަހުސިއްޔަތެކެވެ. އެކަމަނާގެ ސީދާ ދިރިއުޅުއްވުމާއި، އިލްމީ ގާބިލުކަމާއި، އަދި ދިވެހި ސިވިލް ސާވިސްގައާއި ފަސްޓް ލޭޑީގެ ޒިންމާތައް އަދާކުރައްވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ އިހުލާސްތެރި މަސައްކަތްޕުޅު ތަކަކީ މިއަދުގެ ދިވެހި އަންހެނުންނަށާއި، ޒުވާނުންނަށް ހުރި ނުހަނު ހެޔޮ ނަމޫނާއެކެވެ. މެޑަމް ސާޖިދާގެ މަސައްކަތްޕުޅުތަކުން އެނގިގެންދަނީ، އަންހެނުންނަކީ މުޖުތަމައު ބިނާކުރުމުގެ އެންމެ މުހިންމު ބައިވެރިން ކަމެވެ. އަދި މުޖުތަމައެއް ފުރިހަމަވެ، ކުރިއަރާނީ އަންހެނުންނާއެކުގައި ކަމެކެވެ.


