އަވަށްޓެރިންގެ ދިފާއުގައި ހަމާސް: އީރާނަށް ގޮވާލީ އަވަށްޓެރި ގައުމަކަށް ހަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ދިފާއުގައި ރައްދު ހަމަލާ ދިނުމުގެ ހައްގު އީރާނަށް އޮންނާނެ ކަމަށާއި އެކަމަކު އެ ހަމަލާތައް އަވަށްޓެރި ގައުމުތަކަށް އަމާޒު ނުކުރުމަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ގޮވާލައިފި އެވެ.

"ބައިނަލްއަގުވާމީ މިންގަނޑުތަކާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މި ހަމަލާއާ ދެކޮޅަށް ރައްދު ދިނުމުގެ ހައްގު އީރާނަށް ލިބިގެންވާކަން ގަބޫލުކުރާ ހިނދު، އަވަށްޓެރި ގައުމުތަކަށް ހަމަލާ ނުދިނުމަށް އީރާނުގެ އަޚުންނަށް ގޮވާލަން،" ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭއެފްޕީއާ ހަވާލާދީ މިހާރު އޮންލައިންގައިވާ ގޮތުގައި، ހަމާސްއިން މިހެން ބުނެފައި ވާއިރު އީރާނުން މީގެ ކުރިން ވަނީ އެ ގައުމަށް ހަމަލާދޭން ސަރަހައްދު ބޭނުން ނުކުރާ ގައުމަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ގަލްފުގެ އެތައް ގައުމަކުން ވަނީ އެ ގައުމުތަކުގެ ސަރަހައްދު ހަމަލާތަކުގައި ބޭނުން ނުކުރާ ކަމަށާއި އެކަމަކު ވެސް އެމެރިކާގެ އަސްކަރީ ތަންތަނަށާއި އާންމުންގެ ސަރަހައްދުތަކަށް ވެސް އީރާނުން ހަމަލާދެމުންދާ ކަމަށް ބުނެފަ އެވެ.

އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ ޣައްޒާގައި ދެ އަހަރު ވަންދެން، ނުރައްކާތެރި ހަނގުރާމައެއް ކުރި ހަމާސް އިން ވަނީ އީރާނަށް ދޭ ހަމަލާތައް ވަގުތުން ހުއްޓުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރުމަށް ވެސް ގޮވާލައިފަ އެވެ.

އިޒްރޭލާއި އެމެރިކާއިން ހަމަލާދީ އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާއިރު ހަމާސް އިން މީގެ ކުރިން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. މިއީ ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރަމުން ހަމާސް އިން ބުނީ ޚާމަނާއީ އަވަހާރަކޮށްލާފައި ވަނީ މައްސަލަ ހައްލުކުރުމަށް ސިޔާސީ، ޑިޕްލޮމެޓިކް އަދި އަސްކަރީ ހައްލުތައް ވެސް ދައްކަމުން ދަނިކޮށް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *