ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް ދަންޖައްސައި މަރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް ދަންޖައްސައި މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް، 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ބުޅާ މަރާލާފައިވަނީ އެއަށް އަނިޔާކޮށް، ދަންޖައްސައިގެންނެވެ. އެ ބުޅާ ދަންޖައްސާފައިހުރި ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިންސްޓަގްރާމްގައި އެ ވީޑިއޯތައް ޕޯސްޓުކޮށްފައިވާ މީހާ ބުނެފައި ވަނީ އެއީ ބަނޑުބޮޑު ބުޅަލެއް ކަމަށާއި އެއަށް އަނިޔާކޮށް ދަން ޖައްސާފައިވާ ވީޑިއޯތައް އޭނާއަށް ފޮނުވީ އެ ރަށުގެ މީހެއް ކަމަށެވެ.

އެ ބުޅާ ދަންޖެއްސުމަށް ފަހު، މަރުވުމުން ދަމާފައި ގެންދާތަން ވެސް އެހެން ވީޑިއޯއަކުން ފެނެ އެވެ. އެ އަށް އަނިޔާކުރި މީހުން ފަހުން އެ ބުޅާ މޫދަށް ވަނީ އެއްލާލައިފަ އެވެ.

މީގެކުރިންވެސް ބުޅަލަށާއި އެ ނޫންވެސް ޖަނަވާރަށް ގަސްތުގައި އަނިޔާކޮށް، އެތަކެތި މަރާފައިވާ މައްސަލައިގައި ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *