ރައީސްގެ ޢީދު ޚިތާބު: ޢީދުގެ އުފަލަކީ މާތް ﷲއަށް ޙަމްދުކުރުން

ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކުރަން ކަމަށާއި ނަމަވެސް އެއީ، މާތް ﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދަކީ ފިޠުރު ޢީދު ދުވަސް ކަމަށް ވުމާއެކު ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ފޮނުއްވަމުން ރޭ ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ރޯދައިގެ ފަރުޟު އަދާކުރެވުމުގެ އުފަލަކީ، ކީރިތި ޤުރްއާން ކިޔެވުމާއި، ޒިކުރުކުރުމާއި، އިސްތިޣްފާރު ކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފާ ކަމަށެވެ. އަދި އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފާ ކަމުގައިވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

”އެހެންކަމުން، ކުރުކޮށް ދަންނަވާނަމަ، ޢީދުގެ އުފަލަކީ މާތް ﷲއަށް ޙަމްދުކުރުން. އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރުން. މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުން. އެއީ ފަރުދީ ގޮތުންނާއި، ޖަމާޢަތުގެ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން“ ރައީސް މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތް ކަމަށާއި ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށެވެ. އެހެންކަމުން، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު ކަމަށާއި އެހެނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ހެޔޮކަމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މާތް ސިފަތަކަށް ކަމުގައި ރައީސް މުޢިއްޒު ހަނދުމަކޮށްދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *