މެޗުގެ ފަހުކޮޅު ކުޅެން އެރި އަލީ އަޝްފާގް (ދަގަނޑޭ) ހޯދައިދިން ޕެނަލްޓީއަކާ އެކު، ފަހަތުން އަރައި 2-1 އިން އީސްޓް ޓިމޯ ބަލިކޮށް ރާއްޖޭން މޮޅަކާ އެކު އޭޝިއަން ކަޕް ކޮލިފައިން މިއަދު ހަވީރު ނިންމާލައިފި އެވެ.
މިއީ ތިން އަހަރަށް ފަހު ގައުމީ ޓީމުން ފުރުސަތު ލިބުނު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ގައުމީ ޖާޒީގައި ކުޅުނު 99 ވަނަ މެޗެވެ.
މިހާރު އޮންލައިންގައިވާ ގޮތުގައި، ގައުމީ ޓީމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ހަންގޭރީގެ އިސްތަވާން އުރުބާނީ އަލުން ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގެ 67 ވަނަ މިނެޓުގައި އީސްޓް ޓިމޯ އިން ރާއްޖެ ކޮޅަށް ލަނޑު ޖެހި އެވެ. އެ ޓީމުގެ ކެޕްޓަން ޕައުލޯ ފްރެއިޓަސް ނަގައިދިން ބޯޅައަކުން، މި ގޯލް ޖެހީ އެލެކްސެންޑްރޯ ލެމޯސް އެވެ.
މަންޒަރު ބަދަލުވީ ފަހު 10 މިނެޓަށް ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) އެރުވުމުންނެވެ.
އެގޮތުން ރާއްޖެ އަށް 89 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު އަހުމަދު އިރުފާން (އިރޭ) އެވެ. ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެއްލި ތުރޯ އިން އެއް ކެޕްޓަން ސަމޫހް އަލީ (ސަމުއްޓެ) ބުރަކަށީގައި ޖެހިފައި އިރޭއަށް ލިބުނު ބޯޅަ އޭނާ އެއްފަހަރުން ފޮނުވާލުމުން ކީޕަރު ދިފާއުކޮށް މަތީ ދަނޑީގައި ޖެހިފައި ރީބައުންސްވި ގަޑީގައި އިރޭ ވަނީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ގައުމީ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
ރާއްޖެ މޮޅުވި ލަނޑު ޕެނަލްޓީން ޖަހައިދިނީ އިތުރު ވަގުތުގެ ތެރޭ ސެންޓޭ އެވެ. މިއީ ދަގަނޑޭ އަށް އީސްޓް ޓިމޯގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ދަގަނޑޭ ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރި ވަގުތު ރީބައުންސް ވެގެން އައި ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާއަށް ފައުލް ކުރުމުން ދިން މި ޕެނަލްޓީ ސެންޓޭ ޖެހީ، ދަގަނޑޭ އޭރު ފަރުވާ ހޯދަން ދަނޑު ބޭރުގައި ހުރުމުންނެވެ.
ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ނަމަވެސް ފަހު މެޗުގައި މޮޅަކާ އެކު ރާއްޖެއަށް މިވަނީ މި އަހަރު ކުރިއަށް އޮތް މެޗުތަކަށް އުންމީދެއް ހޯދައިފަ އެވެ.


