ލިޔުނީ: މުހައްމަދު ހަލީމް
ދިވެހިރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި، ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިގުތިސާދީ ގޮތުން ނުހަނު މުހިންމު ނިންމެވުމެއް ނިންމަވާފައެވެ. އެއީ ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ދަށަށް، އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި މޯލްޑިވްސް ޓްރާންސޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމުގެ ނިންމެވުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް (SOEs) ރީސްޓްރަކްޗާ ކުރުމުގެ އިގުތިސާދީ ނަޒަރިއްޔާއަކުން ބަލާއިރު، މި ސިޔާސަތު ވަޒަންކުރާއިރު، މިއީ ހަމައެކަނި ގެނެވުނު އިދާރީ ބަދަލެއް ނޫނެވެ. މިއީ ދައުލަތުގެ މާލިއްޔަތަށާއި މާކެޓުގެ ހިންގުމަށް ދުޅަހެޔޮ އަސަރުތަކެއް ކުރާނެ މެކްރޯ-އިކޮނޮމިކް ނިންމުމެކެވެ.
1. އިކޮނޮމީސް އޮފް ސްކޭލް
މި ބަދަލުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް އިގުތިސާދީ ފައިދާއަކީ 'އިކޮނޮމީސް އޮފް ސްކޭލް' (Economies of Scale) ހާސިލުވުމެވެ. މީގެ ކުރިން ވަކިވަކި ކުންފުނިތަކެއްގެ ގޮތުގައި ހިންގިއިރު ހިނގަމުންދިޔަ އިދާރީ ބޮޑެތި ހަރަދުތަކާއި، މެނޭޖުމަންޓް ބޯޑުތަކުގެ ހަރަދާއި، އޮފީސްތައް ހިންގުމުގެ ބުރަ އެއްކޮށް ނެތިގެންދާނެއެވެ. ސްޓެލްކޯ އާއި އެމްޓީސީސީ ފަދަ ވަސީލަތްތައް ގާއިމުވެފައިވާ ބޮޑެތި ކުންފުނިތަކުގެ ދަށަށް މި ހިދުމަތްތައް ބަދަލުވުމުން، ހިންގުމުގެ ޖުމްލަ ހަރަދު (Operating Costs) ވަރަށް ބޮޑަށް ދަށަށްދާނެއެވެ. އަދި ދައުލަތުގެ ބަޖެޓުން ކުންފުނިތައް ދެމެހެއްޓުމަށް ކުރަންޖެހޭ ހަރަދުތަކުން ބޮޑުބައެއް ސަލާމަތް ކުރެވޭނެއެވެ.
2. އުފެއްދުންތެރިކަން އިތުރުވުން
ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ މަސައްކަތުގެ ބާޒާރުގެ (Labor Market Efficiency) އުފެއްދުންތެރިކަން (Productivity) އިތުރުކޮށް، އިގުތިސާދީ ގާބިލުކަން އެންމެ މަތީ ދަރަޖައަށް ގެންދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ބޭކާރު ހަރަދުތައް ކުޑަވެ، ސިޔާސީ ވަޒީފާތަކުގެ ސަގާފަތް ނެތިގޮސް، ގައުމުގެ އިންސާނީ ވަސީލަތްތައް ހަރުދަނާވެގެންދެއެވެ.
3. ކޯޕަރޭޓް ގަވަރނަންސް ހަރުދަނާވުމާއި ހިދުމަތުގެ ފެންވަރު މަތިވުން
ސްޓެލްކޯ އާއި އެމްޓީސީސީ އަކީ ރާއްޖޭގައި ހިންގުމުގެ ނިޒާމު އެންމެ ހަރުދަނާ، އަދި މާލީ ގޮތުން އެންމެ އިތުބާރު ބޮޑު ދެ ކުންފުންޏެވެ. ފެނަކަ އާއި އާރްޑީސީ ގެ އޮޕަރޭޝަންތައް މި ދެ ކުންފުނީގެ މެނޭޖުމަންޓުގެ ދަށަށް ދިއުމުން، އެ ކުންފުނިތަކުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ އާއި، ތަޖުރިބާ އަދި ހަރުދަނާ 'ކޯޕަރޭޓް ގަވަރނަންސް' ރަށްރަށުގެ ހިދުމަތްތަކަށް ތައާރަފުވެގެންދާނެއެވެ. މީގެ ސަބަބުން ބޭކާރު އިސްރާފުތައް (Wastage) މަދުވެ، ހިދުމަތުގެ ފެންވަރު މަތިވެ، މެދުކެނޑުމެއްނެތި ފުރިހަމަ ދާއިމީ ހިދުމަތެއް ރައްޔިތުންނަށް ކަށަވަރުވެގެން ދާނެއެވެ. ރަށްރަށުގެ ކަރަންޓާއި ފެނުގެ ނިޒާމު ހަރުދަނާވުމަކީ، އަތޮޅުތެރޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (SMEs) ލިބޭނެ ވަރަށް ބޮޑު ދިރުމެކެވެ.
4. މާލީ އިތުބާރު ބޮޑުވުމާއި އިންވެސްޓްމަންޓްތައް އިތުރުވުން
ގެއްލުމުގައި ހިނގަމުންދާ ކުންފުނިތައް އުވާލައި، މާލީ ގޮތުން ދުޅަހެޔޮ ކުންފުނިތަކަކާ ގުޅާލުމަކީ ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖޭގެ އިގުތިސާދަށް އޮންނަ އިތުބާރު (Market Confidence) ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމެކެވެ. މިއީ ދައުލަތުން މާލީ އިސްލާހުތައް ގެނައުމަށް ސާބިތުކަމާއެކު މަސައްކަތްކުރާކަމުގެ ހެއްކެކެވެ. މީގެ ސަބަބުން ކުންފުނިތަކަށް ބޭނުންވާ ބޮޑެތި ލޯނުތަކާއި އިންވެސްޓްމަންޓްތައް ހެޔޮ އަގުގައި ހޯދުމުގެ ފުރުސަތު ސްޓެލްކޯ އާއި އެމްޓީސީސީ އަށް ފަހިވެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.
ނިންމުން
ސަރުކާރުގެ މި ނިންމެވުމަކީ ރާއްޖޭގެ އިގުތިސާދު އާ މިސްރާބަކަށް ގެންދިއުމަށް އެޅުނު ވަރަށް ހަރުދަނާ އަދި ދުރުވިސްނޭ ހިކުމަތްތެރި ފިޔަވަޅެކެވެ. ފެނަކަ އާއި އާރްޑީސީ ބޮޑެތި ކުންފުނިތަކާ ގުޅާލުމުން، ހިންގުމުގެ ހަރަދުތައް ކުޑަވެ، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފި، ހިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ. މިއީ ދިގު މުއްދަތެއްގައި ދައުލަތުގެ މާލިއްޔަތު ވަރުގަދަވެ، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ބޮޑު ކާމިޔާބީއެކެވެ.


