500 މިލިއަން ޑޮލަރުގެ ސުކޫކު ސަރުކާރުން އަނބުރާ ދައްކައި ރައްޔިތުން ސަލާމަތްކޮށްދީފި

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެމްޑީޕީ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަން ޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން އަނބުރާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސަރުކާރުން ސުކޫކަށް ދައްކަންޖެހޭ މިއަދަދު އަނބުރާ ދައްކާފައިމިވަނީ، އެ ފައިސާ ނުދެއްކޭނެކަމަށް އިދިކޮޅު އެމްޑީޕީން އަޑުހަރުކޮށް އެތައް މަންސައެއްގައި ބުނަމުން ދަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން ދެއްކި ސްކޫކުގެ ތެރޭގައި ސްކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ރޭޓުގެ ގޮތުގައި ދައްކަން ޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނޭ ކަމަށާއި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ކަމަށެވެ.

ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެކަން ފިނޭންސުން ވަނީ ފާހަގަ ކޮށްފައެވެ.

ސައްވީސް އޮންލައިންގައިވާ ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު ދެއްކުމަށްޓަކައި ކުރީ ސަރުކާރުން ނަގާފައިވާ ދަރަންޏެއްކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް އެ މިނިސްޓްރީން ބުންޏެވެ.

ވެރިކަމާ ހަވާލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *