ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ވޯޓުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ "މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން" ކަމަށެވެ. އަދި މި އިންތިހާބުތައް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ތަހުނިޔާ ދަންނަވާފަ އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން، ވެރިކަން ކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އެގޮތުން މާލެ، ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީން ވަނީ ދެވަނަ ދައުރަކަށް ދިފާއުކޮށްފަ އެވެ.
ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. ތިނަދޫ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވި ސައުދު އަލީ އާއި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަޖީބުގެ މެދުގައި އޮތީ ގާތްގަނޑަކަށް 50 ވޯޓުގެ ފަރަގެކެވެ. މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީން ވަނީ ހޯދާފަ އެވެ.
މުޅި ރާއްޖޭގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ވަނީ ކައުންސިލްތަކުގެ 205 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ 202 ގޮނޑި އެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގުނު ހިޔާލު ހޯދުމުގެ ވޯޓުގައި، ގިނަ ބަޔަކު އެކަމާ ދެކޮޅަށް ވޯޓު ދީފައިވާކަން ވަގުތީ ނަތީޖާތަކުން ދައްކަ އެވެ. އެ އިންތިހާބުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑްއަކީ، އެ ވޯޓަށް އާއެކޭ ބުނުމެވެ. އެހެންކަމުން އެ ވޯޓުގައި ލިބުނު ނާކާމިޔާބަކީވެސް ސަރުކާރު ހިންގާ މައި ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބެކެވެ.


