ބޮޑު ބަދަލާއި ގުޅޭ ގޮތުން ނަޝީދާއެކު މަޝްވަރާގެ މޭޒަކަށް ނުދާނަން: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އިިއުލާންްކުރެއްވި ބޮޑު ބަދަލާއި ގުޅޭގޮތުން، އެމަނިކުފާނާއެކު މަޝަވަރާކުރަން އެއް މޭޒަކަށް ވަޑައިނުގަންނަވާނެކަމަށްް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވަނީ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފައެވެ. އަދި އެ ބަދަލުތައް ގެނައުމަށް މަޝްވަރާތަކަށް އައުމަށް ސަރުކާރަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްވަރާތަކުގައި ބައިވެރިވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސްް މުއިއްޒު ވިދާޅުވީ އެ މަޝްވަރާތަކަށް އެމަނިކުފާނު ވަޑައިނުގަންނަވާނެކަމަށެވެ. އަދި މަސައްކަތް ކުރާނީ ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މެންޑޭޓް އަދާކުރަންކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ފައްޔާޒު ހުށައެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުންވެސް ވަނީ ހިމަނާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *