ޑްރަގްސް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު ސުވާލު އުފެދޭ ކުއްލި މަރެއް

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57″ ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.

މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.

"… އޭނާގެ ހަށިގަނޑު މިހާރު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދެއެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މަރުވެފައި އޮއްވައި ފެނުނީ ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފް ކަމަށް މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހާދިސާ ހިނގި ގޮތާ ބެހޭ މައުލޫމާތު ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ އާސިފް ގެއްލިގެން ހޯދަން ފެށީ ފާހާނާއަކަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ކަމަށެވެ.

އާސިފަކީ ހިމަންދޫގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ. އޭނާ މާލޭގައި ޑްރަގް އެންފޯސްމަންޓު ޔުނިޓުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ މި ހިތާމަވެރި ވަގުތު، ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *