ލިޔުއްވީ: އަލްއުސްތާޒު މުހައްމަދު ހަލީމް
ދިވެހިރާއްޖޭގެ ސިޔާސީ ތާރީހުގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަކީ (2013-2018) ދައުލަތުގެ ހިންގުމުގެ ނިޒާމަށާއި، މާލީ އިދާރާތަކަށް ބޮޑެތި ލޮޅުންތަކެއް އައި ދުވަސްވަރެކެވެ. އާންމު މަސްރަހުގައާއި ސިޔާސީ ގޮތުން ރައީސް ޔާމީނަކީ 'ވަގެއް' ނުވަތަ 'މުޖުރިމެއް' ގެ ގޮތުގައި ސިފަކުރެވެނީ ހަމައެކަނި ސިޔާސީ ނުވަތަ ޒާތީ ވާދަވެރިކަމެއްގެ ސަބަބުންނެއް ނޫނެވެ. އެއީ ދައުލަތުގެ ރަސްމީ އިދާރާތަކުން ހިންގާފައިވާ ތަހުގީގުތަކުންނާއި، އޮޑިޓް ރިޕޯޓުތަކުންނާއި، ބައިނަލްއަގުވާމީ މިނިވަން ޖަމާއަތްތަކުގެ ހޯދުންތަކުންނާއި، ރައީސް ޔާމީނުގެ އިސްވަކީލު އޮނަރަބްލް ޑޮކްޓަރ މުހައްމަދު ޖަމީލު އަހްމަދު ދައްކަވާފައިހުރި ވާހަކަފުޅުތަކާއި، ސާފުކޮށް ފެންނަން ހުރި ހަގީގަތްތަކެއްގެ މައްޗަށް ބިނާވެގެންނެވެ. ވެރިއެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދައުލަތުގެ ހަޒާނާއާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން ކަމަށްވާއިރު، ރައީސް ޔާމީނުގެ ވެރިކަމުގައި ފެނިގެންދިޔައީ ރޭވުންތެރިކަމާއެކު ދައުލަތުގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ޖިނާއީ އަމަލުތަކަށް މަގުފަހިކުރި ތަނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތް: ރޭވިގެން ހިނގި ވައްކަމެއް
ދިވެހިރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު މާލީ ޖަރީމާއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ވައްކަމެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ އެތައް ރަށަކާއި ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (ގާތްގަނޑަކަށް 79 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ދައުލަތުގެ ހަޒާނާއަށް ވެއްދުމުގެ ބަދަލުގައި، އަމިއްލަ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ބަހާލާފައެވެ. މި ވައްކަމަކީ ރައީސް ޔާމީންގެ ސީދާ ބެއްލެވުމާއި ނުފޫޒުގެ ދަށުން ހިންގާފައިވާ ކަމެއްކަން ސާބިތުވަނީ، ރައީސް ޔާމީނުގެ އެންމެ އަރިސް، އޭރުގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތު އިސްވެ ތިއްބަވައި ދައުލަތުގެ ނިޒާމުތައް މުގުރާލުމުގެ އަޑީގައި ހުންނެވި މޭސްތިރިއަކީ ރައީސް ޔާމީން ކަމަށްވަތީއެވެ. ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، އޮޑިޓްތައް ހިންގިޔަނުދީ ހިފެހެއްޓުމަކީ މި ބޮޑު ވައްކަމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ކަމުގެ އިދާރީ ހެއްކެކެވެ.
އެއް މިލިއަން ޑޮލަރުގެ ހެކި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަފްސީލީ ތަހުގީގީ ރިޕޯޓަކީ ރައީސް ޔާމީނަކީ 'ވަގެއް' ކަން ގާނޫނީ ގޮތުން އަދި މަދަނީ މިންގަޑުން ކަށަވަރުކޮށްދޭ އެންމެ ވަރުގަދަ އެއް ކިތާބީ ހެއްކެވެ. މި ރިޕޯޓުން ހާމަވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް (SOF) ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އަމިލަ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (MIB) ގައި އޮތް އެކައުންޓަކަށް 1,000,000 (އެއް މިލިއަން) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވެއެވެ. މި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެނގިވަޑައިގަންނަވައެވެ. އަދި އެ ފައިސާ ދައުރުކޮށް އަމިއްލަފުޅު އިންވެސްޓްމަންޓް އެކައުންޓްތަކަށް ބަދަލުކުރެއްވިއެވެ. އޭގެއިން މާލީ މަންފާ ހޯއްދެވިއެވެ. ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާވުމުން ވެސް އެއީ ކޮން ފައިސާއެއްކަން ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް ފަހުން އެސްކްރޯ އެކައުންޓެއް އޭސީސީއާއެކު ރައީސް ޔާމީނު އެ އެކައުންޓަށްވެސް ޖަމާކުރީ ޖަމާކުރީ ތިންވަނަ ފަރާތެއްގެ ފައިސާއެވެ. މިއީ، އެ ފައިސާގެ ހަގީގަތް އޮޅުވާލުމަށް ހިންގި މަނީ ލޯންޑަރިންގެ ޖަރީމާއެކެވެ.
ބައިނަލްއަގުވާމީ ރިޕޯޓުތަކުގެ ހޯދުންތައް
ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ސިޔާސަތުތައް ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ސަމާލުކަމަކަށް އައެވެ. މިގޮތުން ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް (Transparency International) އިން ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (CPI) ގައި ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު، ރާއްޖޭގެ ދަރަޖަ ވަނީ ބޮޑުތަނުން ދަށަށް ސޮއްސާލާފައެވެ. 180 ގައުމުގެ ތެރެއިން 124 ވަނައަށް ވެއްޓިފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، މި ދަށަށްދިއުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް މުގުރާލައި، ރަތްލާޖެހި ވައްކަންތައް ނުވަތަ މަތީ ފަންތީގެ ބޮޑެތި ހިޔާޏަތްތައް ހިންގުމުގެ ފުރުސަތު ރައީސް ޔާމީނު ދެއްވުމުގެ ސަބަބުން ދިމާވި ކަމެކެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ނޫސް އެޖެންސީއެއް ކަމަށްވާ އަލްޖަޒީރާ (Al Jazeera) އިން 2016 ވަނަ އަހަރު ނެރުނު 'ސްޓީލިންގ ޕެރަޑައިސް' (Stealing Paradise) އެކްސްޕޯޒޭ ރިޕޯޓުގައި، ރައީސް ޔާމީނަށް ސީދާ ދަބަސްދަބަހުގައި ރައީސް ޔާމީނަށް މިލިއަނުން ވަގު ފައިސާ އުފުލައިންދިންކަމުގެ ހެކިތަކާއި އިއުތިރާފުތައް ދުނިޔެއަށް ތިލަކޮށްދިނެވެ. ހަމައެއާއެކު، އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް (OCCRP) އިން ނެރުނު 'Paradise Leased' ދިރާސާ ރިޕޯޓުންވެސް ވަނީ ރާއްޖޭގެ ރަށްތައް އަމިއްލަ ފައިދާއަށްޓަކައި ނަހަމަ ގޮތުގައި ބޭނުންކޮށް، ރައީސް ޔާމީނު ދައުލަތް ލޫޓުވާލާފައިވާ މިންވަރު ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކުން ސާބިތުކޮށްދީފައެވެ.
މާލީ ހިންގުމުގެ ބެސްޓ ޕްރެކްޓިސް އާ ހިލާފުވުން
ބައިނަލްއަގުވާމީ ގޮތުން މާލީ ހިންގުމާއި ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކަށް (Best Practices) ބަލާއިރު، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އަމިއްލަ އެކައުންޓަށް މިފަދަ ބޮޑެތި މުއާމަލާތްތަކުން ފައިސާ ވަނުމަކީ 'High-Risk PEP' (Politically Exposed Person) ގެ ގޮތުގައި މާލީ ނިޒާމުތަކުން ރެޑް ފްލޭގް (Red Flag) ނުވަތަ ނުރައްކަލުގެ ސިގްނަލް ނެރޭ ކަމެކެވެ. ރައީސް ޔާމީންގެ މާލީ މުއާމަލާތްތަކުގައި މާލީ ދެފުށް ފެންނަން ނެތުމާއި، ދައުލަތުގެ މާލީ އިދާރާތަކާއި ބޭންކިން ރެގިއުލޭޝަންތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސީދާ ކޮރަޕްޝަންގެ ފައިސާ ދައުރުކުރުމަށް މަގުފަހިކޮށްދިނުމަކީ ބެސްޓް ޕްރެކްޓިސްއާ ކަނޑައެޅިގެން ހިލާފު ކަންކަމެވެ.
ސިޔާސީ ނުފޫޒާއި ސިހުރު ހާހޫރައިގެ ބިރުވެރި ތުހުމަތުތައް
ރައީސް ޔާމީންގެ ވެރިކަމުގެ ނާޒުކު އަދި ބިރުވެރި ސިޔާސަތުތަކުގެ ވާހަކަ ދެކެވޭއިރު، ރައީސް ޔާމީނުގެ ސަރުކާރު ދެމެހެއްޓުމަށާއި، ސިޔާސީ ވާދަވެރިން ބަލިކުރުމަށް ސިހުރު ހާހޫރަ ހެދިކަމުގެ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ކުރެވެއެވެ. މިގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ސިހުރު ހާހޫރަ ހަދައިގެން އެކި ތަކެތި ފޮރުވާފައި ހުއްޓާ ފެނިފައިވާކަމށް ރިޕޯޓުކޮށްފައި ވެއެވެ. އަދި ސިހުރު ހާހޫރަ ހެދުމަށްޓަކައި ބޭރު ގައުމުތަކުން، އަދދި ވަކިން ހާއްސަކޮށް ސްރީލަންކާއިން ސިހުރުވެރިން ގެނެސްގެން ދައުލަތުގެ ހަރަދުގައާއި ނުފޫޒުގައި ބޭތިއްބި ކަމުގެ ވާހަކަތައް އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކާފައިވެއެވެ. އަދި މިފަހުން ކަމަށް ބާރުލިބޭ ވާހަކަތަކެއް އޭރުގައި ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވި ގާތް އެކުވެރިންތަކެއް ޕަބްލިކް ފޯރަމްގައި ތިލަކުރައްވާފައިވެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކާއި، އަލްޖަޒީރާގެ ރިޕޯޓުތަކުގައިވެސް ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ސިޔާސީ އަދި ދުސްތޫރީ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ކުޑަކުދިންގެ ލެޔާއި، ރަތް ކުކުޅާއި، އަދި އެކި ބާވަތުގެ ޝައިތޯނީ އަމަލުތައް ހިންގާފައިވެއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ވެރިޔަކު، ދީނުގައި ކަނޑައެޅިގެން ބޮޑުވެގެންވާ ކުފުރެއްގެ ގޮތުގައި ސިފަކުރައްވާ މަނާކުރައްވާފައިވާ ސިހުރު ހެދުމަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމެކެވެ. އަދި ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ރައީސް ޔާމީނުގެ މުޖުރިމުކަމާއި ނުބައި ނުލަފާކަން މުޖުތަމައަށް ހާމަވެގެންދިޔަ އަނދިރި ސަފުހާއެކެވެ.
މުޖުރިމެއްގެ ސިއްކަ
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ ދައުވާތަކާއި، ކޯޓުތަކުން އިއްވި ހުކުމްތަކަކީ އެމަނިކުފާނަކީ ގާނޫނީ ގޮތުންނާއި' ދުނިޔެވީ ހަމައިން 'މުޖުރިމެއް' ކަން ކަނޑައަޅާ މައިގަނޑު އަސާސެވެ. ގއ. ވޮޑަމުލާ މައްސަލައިގައާއި، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިން ހިންގި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީނުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އަދި ޖަލު އަދަބުތަކާއި ބޮޑެތި ޖޫރިމަނާތައް އިއްވާފައެވެ. މަތީ މަރުހަލާގެ ކޯޓުތަކުން (ހައިކޯޓު އަދި ސުޕްރީމް ކޯޓުން) އިޖުރާއީ ބައެއް މައްސަލަތަކުގެ ސަބަބުން އެ ހުކުމްތައް ބާތިލުކުރިއެވެ. އަދި މައްސަލަ އަލުން ބެލުމަށް އެންގި އެވެ. ނަމަވެސް، މިއިން އެއްވެސް ކޯޓަކުން ރައީސް ޔާމީނުގެ އެކައުންޓަށް ވަން ފައިސާއަކީ ސައްހަ ފައިސާއެއް ކަމަކަށް ކަނޑައަޅާފައެއް ނުވެއެވެ. ފަނޑިޔާރުންގެ ރައުޔުތަކުން ސާފުވާ ގޮތުގައި، ރައީސް ޔާމީނުގެ މާލީ މުއާމަލާތްތަކަކީ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތަކާއި، ޖަރީމާތަކާއި، ހިޔާނާތާއި، އަޑިނޭނގޭ މުއާމަލާތްތަކުން ފުރިގެންވާ ކަންކަމެވެ.
ދައުލަތް ހިސޯރުކުރުމާއި ދުސްތޫރީ ޖަރީމާތައް
ރައީސް ޔާމީންގެ ވެވެރިކަމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމާއި، ދައުލަތުގެ ބާރުތައް ވަކިކޮށްފައި އޮތް އޮތުން ކިލަނބުކޮށް މުޖުރިމު، އަނިޔާވެރި ސިޔާސަތެއް ފެނުނު ދުވަސްވަރެކެވެ. ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ވަކިކުރިއެވެ. އަދި ރާވައިގެން އޭރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެއަށް ފިސްތޯލަ ވައްދާ، އުމުރު ދުވަހުގެ ޖަލުހުކުމެއް ނާޒިމްގެ މައްޗަށް އިއްވިއެވެ. އަދި ރައީސް ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން ޖަލަށްލުމުގެ އަޑީގައިވެސް ހުންނެވީ ރައީސް ޔާމީނެވެ. ސަރުކާރުގެ ކޮރަޕްޝަންތަކާ ދެކޮޅަށް 1 ފެބުރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލިނުރައްކަލުގެ ހާލަތު ރައީސް ޔާމީނު އިއުލާންކުރެއްވިއެވެ. އަދި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު ހައްޔަރުކުރުމަކީ ރައީސް ޔާމީން ގެންނެވި ދުސްތޫރީ ބަގާވާތެކެވެ. ސިޔާސީ ވާދަވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިފާ ހައްޔަރުކޮށް، ސިފައިން ލައްވައި މަޖިލިސް ހިސާރުކުރުމަކީ ގާނޫނުގެ ކުރިމަތީގައި ބޮޑުވެގެންވާ ޖިނާއީ ކުށެކެވެ.
މަރުގެ މައްސަލަތަކާއި އިންސާފަށް ހުރަސްއެޅުން
މާލީ ޖަރީމާތަކުގެ އިތުރުން، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ލޭއޮހުރުވުން ބޮޑެތި ޖިނާއީ މައްސަލަތަކުގެ އިހުމާލުވެސް އަމާޒުވަނީ ރައީސް ޔާމީނަށެވެ. މީގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލުވާން އަބްދުﷲ ގެއްލުވާލުމާއި، ބްލޮގަ ޔާމީން ރަޝީދު ރަހުމްކުޑަގޮތަކަށް މަރާލުން ހިމެނެއެވެ. ފަހުން އުފެއްދި މަރުގެ ކޮމިޝަންތަކުގެ ހޯދުންތަކުން އެނގުނު ގޮތުގައި، މި ޖަރީމާތައް ހިންގި ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް ރައީސް ޔާމީނުގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ތެރެއިން ނުފޫޒުގަދަ ފަރާތްތަކެއްގެ ހިމާޔަތް ލިބިފައި އޮވެގެންނެވެ. ރައްޔިތުންގެ ފުރާނައާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމުގެ އެންމެ މަތީ ގާނޫނީ މަސްއޫލިއްޔަތު އޮތް ވެރިޔަކު، މިފަދަ ބޮޑެތި މަރުގެ މައްސަލަތަކުގެ ތަހުގީގަށް އަސަރުކުރާފަދަ ބަޔާންތައް ރައީސް ޔާމީނު ދެއްވުމަކީ ސީދާގޮތުންނާއި ނުސީދާގޮތުން ތަހުގީގަށް ހުރަސްއެޅުނު ކަމެކެވެ. އަދި ރާއީސް ޔާމީނު އިންސާފު ލަސްކުރުމުގެ ޖިނާއީ ބޮޑު އިހުމާލެކެވެ.
ނިންމުން
އިލްމީ، ދީނީ އަދި ބައިނަލްއަގުވާމީ ގާނޫނީ ނަޒަރަކުން ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަކީ 'ވަގެއް' އަދި 'މުޖުރިމެއް' ކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ހުރި ހެކިތަކެއްގެ މައްޗަށް ބުނާ ވާހަކައެކެވެ. ދައުލަތުގެ އެންމެ މަތީ މަގާމުގައި ހުންނަވައިގެން، ރޭވުންތެރިކަމާއެކު ދައުލަތުގެ ހަޒާނާއިން ބިލިއަނުން ފައިސާ ނަންގަވައި، ރައީސް ޔާމީނުގެ އަމިއްލަ ފައިދާއަށް ބޭނުންކުރެއްވިއެވެ. ބައިނަލްއަގުވާމީ މިނިވަން ރިޕޯޓުތަކުން ހާމަވާ ފަދައިން ގާނޫނީ ނިޒާމު މުގުރާލިއެވެ. އަދި އެކަމާ ދެކޮޅަށް ތެދުވެ، ހައްގުބަސް ބުނާ ކޮންމެ ރައްޔިތަކު ހިފާ ހައްޔަރުކޮށް، ހުރަގެއަށް ލިއެވެ. ރައީސް ޔާމީނުގެ މި އަމަލުތަކުގެ ސަބަބުން ރައީސް ޔާމީނަކީ ވަގެއް ކަމަށާއި މުޖުރިމެއްކަމަށް ގާނޫނީ ހަމައިން ބުނުމުގެ ފުރުސަތު އެބައޮތެވެ.


