ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް, ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
އެ ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާއަރުވާފައެވެ.
ޝަހީދު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރުމަށް ރައީސް މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
އަދި މި މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލުމުންނެވެ. ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފައިވަނީ އޭސީސީން ބަލަމުން ދިޔަ މައްސަލަތަކަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ދެވަނަ ފަހަރަށް ޖޭއެސްސީ އިން ހުޅުވާލި ފުރުސަތުގައި ހުސައިން ޝަހީދު ކުރިމަތި ލައްވާފައިވާއިރު މި މަގާމަށް ދެން ކުރިމަތި ލާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހިމްއެވެ.


