އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކަމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އޭނާއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
އެ މައްސަލަ މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅުއްވާފައެވެ.
ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީގެ އެއްވުމެއްގައި މަންދީ، އުމަރުއަށް ނިސްބަތްކޮށް ވާހަކަދައްކާފައިވާ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން މަންދީގެ ވާހަކަތަކުގެ ސަބަބުން އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށް ވެސް އާޒިމާ ނެރުއްވި ބަޔާނުގައިވެއެވެ.
މަންދީގެ ވާހަކަތަކުގެ ސަބަބުން ގާނޫނުއަސާސީ އާއި ކުދަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މަންދީއާ ދެކޮޅަށް ސާޖިދާ ކުރެއްވީ ކޮން ދައުވާއެއް ކަމެއް އާޒިމާގެ ބަޔާނުގައި ފާހަގަކުރައްވާފައެއްނުވެއެވެ.
ރައީސް މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކަތައް ހިއުމަންރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
ދައުވާކުރަން ނިންމެވިކަން ހާމަކުރެއްވުމަށް އާޒިމާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މެޑަމް ސާޖިދާ އެކަމާ ގުޅޭގޮތުން ނެރުއްވި ބަޔާން އިއްވާފައެވެ. އެކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ޓީމުން ބުނީ މަންދީގެ ވާހަކައިގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ބުނެފައިނުވާ ކަމަށެވެ.
ގާނޫނީ ޓީމުން ބުނީ ރައީސް މުއިއްޒުގެ ދަރިކަލެއްގެ ނަން ހާމަކުރީ މެޑަމް ސާޖިދާ ނެރުއްވި ބަޔާނުގައި އާއި ވަކީލު އާޒިމާ ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. އެހެންވެ އެ ދެ ބޭފުޅުން ކުޑަކުއްޖެއްގެ ކަރާމާތް ނަގައިލީ ކަމަށް ބުނެ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ސިޔާސީ ކަންކަމުގައި މީހުންގެ ޒާތީ ދިރިއުޅުމާ ބެހި އެކަމުގެ ތެރެއަށް އާއިލާ ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.


