ކުޑަކުދިންގެ ހައްގުތަކަށް އަރައިގެންފައި ވަނީ ރައީސް ޑރ. މުއިއްޒު: އަމްރް

ކުޑަކުދިންގެ ހައްގުތަކަށް އެންމެ ބޮޑަށް އަރައިގެންފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކުއްލި އެއްވުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ ވާހަކަ ސަރުކާރުން ދައްކަމުންދާއިރު، އެންމެ ބޮޑަށް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދަނީ ރައީސް މުއިއްޒު ކަމަށާއި ކޮންމެ ދިމާލަކުން ބެލި ކަމުގައިވީ ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން ބޭސް ސިޓީއަށް ސަލާންޖަހަން ޖެހިފައި އޮތްއިރު ކިތައް ކުޑަކުދިންނަށް ލިބެންޖެހޭ ބޭސް ނުލިބި މައިންބަފައިން އެކިކޮޅުކޮޅަށް ދުވާ މަންޒަރު އެބަ ފެންނަ ކަމަށާއި 4000 ފްލެޓް ލިބުނު އެތައް ރައްޔިތުންގެ އަތުން ފްލެޓް އަތުލިއިރު، މިއިން ކޮންމެ ކަމެއްގައި ކިތައް ކުޑަކުދިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މިވާހަކަ ނުދައްކާ އެމްޑީޕީން ދެން މަޑުން ނުތިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ މިހާރު ބޭސްނުލިބިގެން އުޅޭ އެއްމައްސަލައަކީ އަމިއްލަ ވިޔަފާރިވެރިންގެ ފިހާރަތަކުން ބަލިމީހާއަށް ދޫކުރާ ބޭހަށް އާސަންދަ އަށް ބިލު ކުރުމުން ބިލުތަކަށް ފައިސާ ދޫނުކޮށް އެތައް މަހެއް ވެގެން ދިޔުމުން އެފިހާރަތަކަށް ބޭސް އިތުރަށް އެތެރެކުރަން ބޭނުންވާ ފައިސާ ނުލިބުން ކަމަށެވެ. އަދި ދެވަނަ ސަބަބަކަށް އަމްރު ފާހަގަކުރެއްވީ ބޭސްއެތެރެކުރާ އަމިއްލަ ފަރާތްތަކުން އަމަލު ކުރަންޖެހޭނެ ކަމަށް ބުނެ ސަރުކާރުން ކަނޑައަޅައިފައިވާ އުޞޫލުގައި ހުރި އުނދަގޫ ގޮތްތަކެވެ.

އެސްޓީއޯއިން މިއަދު ބޭސް ނުލިބިގެން އުޅެނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށާއި އެއްވެސް ބެލުމެއް ނެތި ބޭސްތަކުގެ އަގުތައް ތިރިކޮށްލުމުން ބޭސް ލިބުން ދަތިވެގެން ދިއުމުން ރައީސް މުއިއްޒު މިކަންކަން އަވަހަށް ހައްލުވެގެންދާނެ ކަމަށް ވިދާޅުވުމަކީ ރައީސްއަކު ދައްކަންޖެހޭ ފެންވަރުގެ ވާހަކައެއްވެސް ނޫން ކަމަށް އަމްރު ވިދާޅުވި އެވެ.

އެހެންކަމުން ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށާއި، ކުޑަކުދިންގެ ހައްގުތައް ރައީސް މުއިއްޒު އަށް ވުރެ ބޮޑަށް އަރައިގަތް މީހެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *