ރަމަޟާން މަހުގެ ފަހު 10ގެ ރޭތަކުގައި ހިމެނޭ ލައިލަތުލް ގަދުރި ވިލޭރޭގެ މާތްކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލް ގަދުރި ވިލޭރޭ ކަމަށެވެ. އަދި އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވާކަން މިއަދުގެ ހުތުބާގައި ފާހަގަ ކުރި އެވެ.
އެހެންކަމުން ލައިލަތުލް ގަދުރި ވިލޭރާއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރޭ ރޭކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
"އެހެންވީމާ، މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ތިޔަބައިމީހުން ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލް ގަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާހުށި ކަމެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެއްކަން ވެސް މިއަދުގެ ހުތުބާގައި ފާހަގަކުރި އެވެ.


