އދގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ނެތުމަކީ ނާއިންސާފެއް: ޝާހިދު

އދގެ ސަލާމަތީ މަޖިލީހުގައި އިންޑިއާއަށް ދާއިމީ ގޮނޑިއެއް ނެތުމަކީ ނާއިންސާފެއް ކަމަށް އދގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް ކަން މިހާރު ކުރައްވަމުން ގެންދަވާ ޝާހިދު އިންޑިއާގައި އޮތް ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮތް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއެއް ކަމަށްވާ އިންޑިއާއަށް އދގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ގޮނޑިއެއް ލިބެންޖެހޭނެ ކަމަށެވެ. އަދި މިފަދަ ބާރުވެރި ގައުމަކަށް ދާއިމީ ގޮނޑިއެއް ނުލިބި ދިއުމަކީ ނާއިންސާފެއް ކަމުގައި ވިދާޅުވި އެވެ.

ޝާހިދު ވަނީ އިންޑިއާއިން ބައިނަލްއަގްވާމީ މައިދާނުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ދުވަސްވަރު އިންޑިއާއިން އެތައް ގައުމަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ޝާހިދު ފާހަގަކުރެއްވި އެވެ.

މި ސަމިޓުގެ ތެރެއިން ޝާހިދު ވަނީ އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދުނިޔޭގެ މުސްތަގުބަލަށްޓަކައި އިންޑިއާއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ޝާހިދަށް ފެނިވަޑައިގަންނަވާ ހުށަހެޅުންތަކެއްވެސް މޯދީއަށް ހުށަހަޅުއްވާފައިވެ އެވެ. މި ސަމިޓަކީ ދުނިޔޭގެ މައްސަލަތަކުގައި އިންޑިއާގެ ދައުރު ފުޅާކުރުމާއި އިންޑިއާގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކާ ސަމިޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *