މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މިއަދާއި މިރޭ އަދި މާދަމާ ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހު ފަހުން ކަމުގައި އެ އޮފީހުން ފާހަގަކުރި އެވެ.
މާލެއަށް މިވަގުތު ވެސް ދަނީ ގުގުރުމާ އެކު ބޯކޮށް ވާރޭވެހެމުންނެވެ.
މެޓް އޮފީހުން ވަނީ މެންދުރުފަހު 2 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޔެލޯ އެލާޓް ނެރުނުއިރު، ކ. އަތޮޅުން ގދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެންދުރުފަހު 3:30 އާ ހަމައަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
އެ އޮފީހުން ވަނީ މިއަދު ހަވީރު 6 އަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ގުގުރުން އެކަށީގެންވާ ކަމަށާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ބުނި ގޮތުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމުގަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ހެނދުނު 8 އިން ފެށިގެން މިއަދު ހެނދުނު 8 އަށް، އަށް ރަށަކަށް 50 މިލިމީޓަރަށް ވުރެ ގިނައިން ވަނީ ވާރޭ ވެހިފަ އެވެ.
އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ރަށްތައް:
- ލ. ކައްދޫ – 159.5
- ގދ. ފަރެސްމާތޮޑާ – 87.0
- ގއ. ގެމަނަފުށި – 86.8
- ސ. ގަން – 82.0
- ގދ. ކާޑެއްދޫ – 74.9
- ގއ. ކޫއްޑޫ – 74.0
- ސ. ހިތަދޫ – 68.8
- ޏ. ފުވައްމުލައް – 51.0


