އެޑްވާންސް ފައިސާ އަނބުރާ ނުލިބޭތީ ގާނޫނީ ފިޔަވަޅު އެޅުމުގެ ކަންކަން އެބަކުރަން: މޯލްޑިވް ގޭސް

ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް މޯލްޑިވް ގޭހުން އެޑްވާންސްގެ ގޮތުގައި ދޫކުރި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) މިހާތަނަށް ލިބިފައި ނުވާތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.

ރާއްޖެ އަށް ކައްކާ ގޭސް އެތެރެކޮށް ވިއްކާ ސަރުކާރުގެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދުބާއީގެ ޖަކްޝާ އެނާޖީ އަށް ދެއްކީ ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގެ ތެރޭގައި ގޭހުގެ ޝިޕްމެންޓް ނުލިބުމުން، ދުބާއީގެ ކުންފުންޏަށް ދެއްކި އެޑްވާންސް ފައިސާ ހޯދުމަށް މަސައްކަތް ފެށި ކަމަށް މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ، ސަޕްލަޔަރާއެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ މިހާތަނަށް އަނބުރާ ދީފައި ނުވާ ކަމަށެވެ.

އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

"ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކައް މިހާރު ވެސް މަސައްކަތް ކުރަމުންދަނީ. އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުންފުނީގެ ގާނޫނީ ޓީމުން ކުރިއަށް ގެންދަން. މި މުއާމަލާތުގައި އެއްވެސް ހިޔާނާތެއް ހިނގާފައި ނުވާކަން ކުންފުނިން ކަށަވަރުކޮށްދެން،" ލިޔުމުން ފޮނުވި ޖަވާބުގައި މޯލްޑިވް ގޭހުން ބުންޏެވެ.

މޯލްޑިވް ގޭހުން ބުނީ، ގޭސް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ. "ރިކުއެސްޓް ފޯ ކޯޓޭޝަން" ފޮނުވައި، ގޭސް ގަންނަނީ އިތުބާރު ހިފޭ އެންމެ އަގު ހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރެއްގެ ބަލައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ގޭސް ގަންނަން ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ނުލިބުނު މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *