އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް އިކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސްގެ ފަރާތުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމަށް އެ ކުންފުނިން ބަދަލެއްގެ ގޮތުގައި ހުށަހަޅަނީ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ކަން އެނގިއްޖެ އެވެ.
ސަރުކާރުގެ ކަމާ ގުޅުން ހުރި ބައެއް މަސްދަރުތަކުން އެކަން ނުރަސްމީކޮށް ކަށަވަރު ކޮށްދިން ނަމަވެސް އެ އަދަދަށް ސަރުކާރުން މިހާތަނަކަށް އެއްބަހެއް ނުވެ އެވެ. އައްޑޫ އެއާޕޯޓު ބޮޑުކުރަމުން އަންނައިރު، އެ ޕްރޮޖެކްޓުގެ ތެރެއިން ހަދަން ޖެހޭ މަގުގެ އެއްބަޔަށް އަރާ ގޮތަށް ހުރި އިމާރާތް [ކައިމޫ އިން ބޭނުންކުރާ ސްޓާފް ކުއާޓާޒް] ހުސްނުކުރެވި ދިގުލައިގެންދާ މައިގަނޑު ސަބަބަކީ އެ ކުންފުނިން ބަދަލުގެ ގޮތުގައި ބޭނުންވާ އަދަދަށް ސަރުކާރުން އެއްބަސް ނުވާތީ ކަމަށް އެނގިފައި ވެ އެވެ.
ބަދަލުގެ ގޮތުގައި 25 މިލިއަން ޑޮލަރުގެ އިތުރުން، ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރަން ވެސް ހުށަހެޅި ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނާތީ، އެ މައްސަލާގައި އިންސާފުވެރި ހައްލުތަކެއް ހޯދުމަށް ސަރުކާރާ އެކު މަސައްކަތް ކުރާ ކަމަށާއި ވަރަށް އަވަހަށް އެކަން ހައްކު ކުރެވޭނެ ކަމަށް ކައިމޫ އިން ވަނީ އިއްޔެ ބުނެފަ އެވެ.
ކައިމޫ އިން ބުނީ، މި މައްސަލައިގައި ހައްލެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއާ އެކު މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށާއި ބޭނުންވާ ހައްލުތައް ވެސް އެ ކުންފުނިން އިސްނަގައިގެން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.


