މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލި، މިސްކިތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަޖިލީހުގައި އާދަމް ނަސީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަސް ކުރިން، މެއި 2023 ގައި އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ.
ހުކުރު މިސްކިތުގައި މި ސަރުކާރުން ތަނބުތަކެއް ޖަހާފައިވާ ކަމަށް މެންބަރު ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން މިސްކިތުގައި އެއްވެސް ތަނބެއް ޖަހާފައި ނުވާ ކަމަށެވެ.


