އާމްދަނީ އިތުރުވުމުން ބަޖެޓްގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަނުން އަރަނިވެއްޖެ

މިއީ ތާރީޚީ ކުރިއެރުމެކެވެ. މި ކާމިޔާބީއާ ހަމައަށް ދައުލަތުގެ ބަޖެޓް ގެނެވުނީ ސަރުކާރުން ހުށިޔާރު ކަމާއެކު ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަކުރުމުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއިން އަރަނިވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދައުލަތުގެ އާމްދަނީ ގޮތުގައި 11.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 500 މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ. ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއަށް އިތުރުވި އިރު، އޯވަރޯލަ ބެލެންސް ވެސް ވަނީ 2.1 ބިލިއަން ރުފިޔާއަށް އަރަނިވެފަ އެވެ. އޯވަރޯލް ބެލެންސްގައި ދަރަނި އަދާކުރުމަށް ދާ ހަރަދު ހިމަނާނެ އެވެ. ދަރަނި އަދާކުރުމުގެ ހަރަދެއްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ 9.1 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ހަރަދުގެ ގޮތުގައި އެ އަދަދު ހޭދަކުރި ނަމަވެސް، ބަޖެޓު ކޮންސަމްޝަން ނުވަތަ، ހަރަދުގެ އިތުރަށް ދައުލަތުން ކުރާ ހޭދަތަކުގެ ގޮތުގައި އިތުރު ގާތްގަނޑަކަށް އިތުރު 3.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ އާއި އިންވެސްޓްމެންޓްގެ ގޮތުގައި 400 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައުލަތުން ދޭ ފައިސާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ލޯނުގެ ގޮތުގައި ދައުލަތުން ފައިސާ ދޫކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ދައުލަތުގެ އާމްދަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު، ބައި ބިލިއަނެއްހާ ރުފިޔާ އިން އިތުރުވެފައިވާއިރު، ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ އެކު، ދައުލަތް ހިންގުމުގެ ހަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި 8.9 ބިލިއަން ރުފިޔާގައި ހުރި ރިކަރަންޓު ހަރަދު، މި އަހަރު ވަނީ 8.4 ބިލިއަން ރުފިޔާ އަށް ތިރިކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *