ނުރައްކާތެރި، ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް އަމާޒުކޮށްގެން ފަސޭހަކަމާއެކު ދެވިފައިވަނީ އަސްކަރިއްޔާއަށް މީގެ ކުރިންވެފައިވާ އިހުމާލުގެ ސަބަބުންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ 133 ވަނަ ދިވެހި ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި، އިސްތިގުލާލުގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ މަސައްކަތްޕުޅަކީ ބަވަނަވެފައި އޮތް ދުނިޔޭގެ ބަދަލުވަމުން އަންނަ މަޞްރަހުގެ އަދި ރާއްޖޭގެ މަޞްރަހުގެ ހާލުގެ ދުލުން އެތަކެއް އަހަރެއް ވަންދެން އެދި ގޮވަމުން އައި މަސައްކަތްތައް ކަމަށެވެ. ނަމަވެސް އެ ގޮވުންތަކަށް ފައިތުވެދިޔަ 15 ވަރަކަށް އަހަރު އިޖާބަ ނުދެވި އަސްކަރިއްޔާއަށް އިހުމާލުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަސްކަރިއްޔާއަށް އެކި ސަރުކާރުތަކުން ވެފައިވާ އިހުމާލުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާާއި އިސްތުގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ދީފައިވާ ކަމަށެވެ.
"މި އިހުމާލުގެ ސަބަބުން މި ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް ސީދާ އަސަރު ކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް ފަސޭހަކަމާއެކު ދެވިފައިވަނީ، ދިނުމުގެ ޖާގަ ލިބިފައިވަނީ އިހުމާލުވެ ޤައުމަށްވުރެ އެހެން ކަންކަން އިސްކުރުމުން،" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.


