ޑޮކްޓަރަށް ދެއްކުމުގެ ކިއު ކުޑަކުރުމަށްޓަކާއި އައިޖީއެމްއެޗްގައި އޯޕީޑީގެ ހިދުމަތް ހަވީރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެގޮތުން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުމަކީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިއު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބު ކަމަށާއި ތިއޭޓަރުގައި ޖާގަ ނުވަތަ ބެޑު ނެތިގެން ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށެވެ. ނަމަވެސް އޯޕީޑީގެ ހިދުމަތް އައިޖީއެމްއެޗްގައި ދެނީ ހަމަ އެކަނި ހެނދުނު އެވެ. މީގެއިތުރުން ވަޒީރު ވިދާާޅުވީ ވަރަށް ފަހުން ވެސް އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ކިއު ކުޑަކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައި ހެދި ކަމަށާއި ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެގޮތެއް ހޯދުމުގެ މަޝްވަރާތައް ކަމާގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ސަރުކާރުން މިހާރު އަންނަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔު ކުޑަކުރުމަށްޓަކައި އާމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުމަށް 4 ޖެނެރަލް ޕްރެކްޓިސް ކްލިނިކް މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރުމަށްޓަކައި މަސައްކަތް ކުރަމުން އެވެ.


