ޔުމްނު "ވެއްޓުނު" މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި

މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މި މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް މިރޭ އުފައްދަވައިފި އެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ
ކޮމިޝަން" ގެ ނަމުގައި އުފެއްދެވި އެ ކޮމިޝަންގެ ރައީސަކަށް ކަނޑައެޅުއްވީ ޑރ. މުނައްވަރެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.

ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.

2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛

3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.

4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛

5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.

6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި
އެ ނޫން ވެސް މަޢުލޫމާތު ހޯދުން.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *