މި ފެށުނީ ދެ ޤައުމުގެ ގުޅުމުގެ މުޅިން އާ ބާބެއް: ރައީސް

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ރާއްޖެ-މެލޭޝިއާ ގުޅުމުގެ އައު ބާބެއް ފެށިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ސަބަބުން ވަރަށް ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަޢުލީމާއި ޞިއްހަތާއި އިޤުތިޞާދީ ތަރައްޤީއާއި ޑިޖިޓަލައިޒޭޝަނާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ދާއިރާއިން ގުޅުން ބަދަހިވެ، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެލޭޝިއާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށެވެ.

އަދި ވިޔަފާރިއާއި އިންވެސްޓްމެންޓާއި ޑިޖިޓަލްގެ ދާއިރާއާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ދާއިރާއާއި ފަތުރުވެރިކަމާއި ތަޢުލީމުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ދޮރުތައް ހުޅުވުނުކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މެލޭޝިއާއިން އޮތީ ރާއްޖެއާއި ސަރަހައްދީ ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ވަޑައިގަތީ މި މަހުގެ 27 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދު އެއްބަސްވުންތަކެއް ބަދަލުކޮށްފައިވެއެވެ.މި ދަތުރުފުޅުގައި ކެބިނެޓު ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *