މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ މިދިޔަ ހަފުތާގައި އޭނާ ހައްޔަރުކޮށް، ކުރިން ދީފައިވާ ފަސް ދުވަހުގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުންނެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މި މަހުގެ 24 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ. ރައުދުގެ ބަންދުކުރަން އެދުމުގައި ފުލުހުން މިގޮތަށް ތުހުމަތުކުރި ނަމަވެސް، ފުލުހުން ކުރިން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި އިތުރު އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.
ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ އޭނާއާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ރައުދު ފިޔަވައި ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާތަކެތީގެ ސާމްޕަލް ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅޭ ގޮތުން ފުލުހުން ކުރާ ތަހުގީގުގެ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާއިރު، އެމީހުންގެ ތެރޭގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.


