ސަހީމް އަލުން އަދާލަތާއި ގުޅިވަޑައިގެންފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

މި ސަރުކާރު އެންމެ ހިންގުންތެރި އެއް ވަޒީރުކަމުގައި ގިނަބަޔަކު ފާހަގަކުރާ ޝަހީމް މިކަން ޢިއުލާންކުރެއްވީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މާތް ﷲ ގެ ހަޟްރަތުން ވާގި އެދި އަދާލަތު ޕާޓީ އަށް މެމްބަރުކަމުގެ ފޯމު ހުށަހަޅައިފިން،" އެ ޕޯސްޓްގައި ޝަހީމް ވިދާޅުވެފަވެއެވެ.

ޝަހީމް އަކީ އަދާލަތު ޕާޓީގެ އެންމެ އިސް މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޕީޕީއެމް އުވުނުފަހުން ޕާޓީއަކާއި ގުޅިވަޑައިނުގަންނަވާ ހުންނެވި ޝަހީމް ވަނީ މީގެ ކުރިން 12 ވަރަކަށް އަހަރު އަދާލަތުގައި ޚިދުމަތްކުރެއްވިއެވެ. އަދި ރައީސް ވަހީދުގެ ވެރިކަމުގައި އަދާލަތުގެ ސްލޮޓެއްގައި އިސްލާމީ ވުޒާރާގެ ވަޒީރުކަން ވެސް ކުރެއްވިއެވެ.

ޝަހީމް ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރަށްވާނެކަން ވެސް ޢިއުލާން ކުރަށްވާފައެވެ.

މީގެ އިތުރުން ޝަހީމް ވަނީ އަދާލަތު ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެއްޖެނަމަ އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުވެސް އިއްޔެ ހާމަކުރަށްވާފައެވެ. މިގޮތުން އެންމެ ފުރަތަމަ ކުރަށްވާނެ އެއްކަމަކީ ޕާޓީގެ ސަފުތައް އަލުން އިޢާދަކުރުމާއި، ޕާޓީގެ އެއްބައިވަންތަކަން ޤާއިމުކުރަށްވައި، ޕާޓީ އުފެއްދުމަށް މަސައްކަތްކުރެއްވި ބޭފުޅުންނާއި ޢިލްމުވެރިން ޕާޓީގެ ހިޔާވަހިކަމުގެ ތެރެއަށް ގެނައުމެވެ.

ޝަހީމް ވަނީ އަދާލަތު ޕާޓީ ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި މެންބަރުން ޝާމިލުވާނެހެން ޕާޓީގެ ފަންޑެއް ޤާއިމުކުރުމާއި، އިލްމުވެރިންގެ މަޖިލީހުގެ ދައުރު ފުޅާކޮށް، އެކަމަށްޓަކައި ޤާއިމުވި އަސާސްތައް ރާއްޖޭގައި ދަމަހައްޓަން އިސްލާމީ ރިސާލަތު ނަގަހައްޓައި ފެތުރުން ވަރުގަދަކޮށް ފުޅާކުރުމާއި، އިސްލާމީ މަކާރިމުލްއަޚްލާޤުގެ އިމުގެ ތެރެއިން ޒުވާނުންނާއި އަންހެނުންގެ ދައުރު ޕާޓީގައި ފުޅާ ކުރުމާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަވަށްޓެރި ޤައުމުތަކާ ރަނގަޅު ގުޅުމެއް ޤާއިމުކުރުމާއި، ފަލަސްޠީނުގެ މައްސަލައަށް ޕާޓީގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރުމާއި، އިސްލާމީ ދުނިޔެއިޔެއާ ގުޅުންތައް ބަދަހިކޮށް، އިސްލާ މީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާނީ ހަރުދަނާ ޕާޓީއަކަށް އަދާލަތު ޕާޓީ ހެދުން ޝަހީމްގެ ތަސައްވުރުތަކުގެ ތެރޭގައި ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *