މަޖީދީމަގަށް އެއްވެެއްޖެނަމަ ބާރު ބޭނުންކޮށް ރުޅާލާނަން: ފުލުހުން

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ބާއްވަމުން އަންނަ މުޒާހަރާގައި މަޖީދީމަގަށް އެއްވެއްޖެނަމަ ބާރުގެ ބޭނުންކޮށް ރުޅާލާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މި އިންޒާރު ދީފައި މިވަނީ މަޖީދީމަގަށް އެއްނުވެވޭނެ ގޮތަށް ކަނޑައަޅާ މާލޭގައި އެއްވެވޭނެ ހަތަރު ތަނެއް ކަނޑައަޅާ އެކަން އިއުލާންކުރިތާ ކުޑައިރުކޮޅެެއްގެ ތެރޭގައެވެ.

ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާގައި ރޭ ވަނީ ފުލުހުން ބާރުގެ ބޭނުކޮށް ރޫޅާލައި ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އަދި އެ ދެޒުވާނުންގެ ބަންދަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތިންދުވަހުގެ މުއްދަތެއް މިއަދު ޖަހާދީފައެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބައެއް ޒުވާނުން އިސްނަގައިގެން މާލޭގެ މަޖީދީމަގުގައި މިހާރު ކުރަމުން ގެންދާ އިހްތިޖާޖުގެ ސަބަބުން އެ މަގު ބަންދުވެ އާއްމުންގެ ދަތުރުފަތުރުގެ ނިޒާމަށާއި މަގުތަކުގައި ހިނގާ އަދި ދުއްވާ އެއްޗެހީގައި ދަތުރުކުރާ މީހުންނަށާއި އިމެޖެންސީ ހިދުމަތްތަކަށާއި ވިޔަފާރިތަކަށާއި ޖީސީއީ އޯލެވެލަށް ތައްޔާރުވަމުންދާ ދަރިވަރުންނަށްވެސް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ.

އެހެންކަމުން އާއްމު ރައްޔިތުންގެ އަސާސީ އެހެނެިހެން ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ބާއްވާ އެއްވުންތަކަށް ދިވެހި ފުލުހުންގެ ހިދުމަތު ފުރުސަތު ނުދޭނެކަމަށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

" އެގޮތުން ގާނޫނާއި ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅައި އާއްމު މަސްލަހަތު ރައްކާތެރިކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުން ގެންދާނެ ވާހަކަވެސް ދަންނަވަން." ފުލުހުން ނެރުނު އިންޒާރުގެ ބަޔާނުގައިވެއެވެ.

މާލޭގައި ސިލްސިލާކޮށް މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ރޭ ހައްޔަރުކުރި، އައިޝަތު ޝިމަން އަހުމަދު އަދި އަބްދު ﷲ މަހްޒޫމް މާޖިދުގެ ބަންދަށް ކޯޓުން މިއަދު ވަނީ 3 ދުވަސް ޖަހާދީފައެވެ.

ފުލުހުން ބުނީ މަޖީދީމަގުގައި ޒުވާނުން ކުރަމުން އައި މުޒާހަރާ ބާރުގެ ބޭނުންކޮށް ރޭ ރޫޅާލީ މިއަދު އޯލެވެލް އިމްތިހާނު ހަދަން ގިނަ އަދަދެއްގެ ކުދިން ދާންޖެހޭތީކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *