ތަހުގީގަށް ނުފޫޒުފޯރުވާ މީހުން ވަގުތުން ވަކިކުރާނަން: ރައީސް

ތަހުގީގަށް ނުފޫޒުފޯރުވާ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ވަގުތުން މަގާމުން ވަކިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ އެކަން އެނގޭ ހިސާބަކުން އެ މީހަކު އެ މަގާމެއްގައި ނުބެހެއްޓޭނެ ކަމަށެވެ.

ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގެންގުޅުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށާއި، ފުލުހުންގެ ޕީއާރު މަސައްކަތްކުރާ ގޮތް ރަނގަޅުކުރުމަށް އަންގަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ފަހަކަށްއައިސް ދިމާވި ކަންތައްތަކުގައި މީޑިއާ ޔުނިޓު ރަނގަޅުކުރުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަށް އިތުބާރު ޔަގީންކުރުމަށްޓަކައި ތަހުގީގުތައް ހިންގުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ، ފުލުހުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައިވެސް ރައީސް ވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އިތުބާރު ދެމެހެއްޓުމަށް ފުލުހުންގެ މުއައްސަސާއަށް އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *