ފުލުހުންގެ އިދާރާ އިން ހިންގަމުންދާ ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ)ގެ އިސްވެރިން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.
ކޮމިޓީގެ މިއަދު ހަވީރުގެ ބައްދަލުވުން ސިއްރުކުރީ ޕޮލްކޯގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް އޭސީސީ އިން ވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.
މާލިއްޔަތު ކޮމިޓީން ވަނީ ޕޮލްކޯގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ސަބް ކޮމިޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމިޓީގެ މުގައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު އެވެ.
ކޮމިޓީން މީގެކުރިން ބޭއްވި ބައްދަލުވުމުގައި ވަނީ ޕޮލްކޯގެ ތެރޭގައި ހިޔާނާތުގެ އަމަލުތައް ހިންގި މީހުން ގަނެފައިވާ ބިންތަކާއި ފްލެޓްތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމާފަ އެވެ.
އޮޑިޓާ ޖެނަރަލް މިދިޔަ ޖެނުއަރީ މަހު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 355 މިލިއަން ރުފިޔާގެ ގެއްލުން މިހާރުވެސް ލިބިފައިވާ މަޝްރޫއެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
އޮޑިޓާ ޖެނަރަލް ވަނީ މިމައްސަލަ ތަހުގީގުކޮށް ނާޖާއިޒު މަންފާ ހޯދި އެންމެންނަށް ފިޔަވަޅު އެޅުމަށް އަންގާފަ އެވެ.


