ޗައިނާގެ އެފްޓީއޭ އާއި ގުޅިގެން ސައީދު ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި

ޗައިނާ އާއި ރާއްޖެ އާ ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ޗައިނާގެ އެފްޓީއޭއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށް، އެ އެގްރީމެންޓް ތަންފީޒު ކުރުމުގައި ކުރެވޭނެ ކަންކަން އޮޅުން ފިލުވުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދާއި މިނިސްޓްރީގެ ބޭފުޅުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އެފްޓީއޭއާ ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވި ހުށަހެޅުން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ނިމުނު އެމްޑީޕީ ސަރުކާރުން ވަނީ އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވާފައެވެ. މި ސަރުކާރުން އެފްޓީއޭއަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ 1 ގައެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާ އިން އެތެރެކުރާ މުދަލުގެ 91 ޕަސަންޓު މުދަލުން ޑިއުޓީ ނުނަގާއިރު ރާއްޖޭން ޗައިނާ އަށް އެކްސްޕޯޓް ކުރާ މަހުގެ ހުރިހާ ބާވަތް ތަކުން ޑިއުޓީ މާފު ވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *