ށ. ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައިސްޕްލާންޓް ހުޅުވައިދެއްވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ފުނަދޫގައި ޤާއިމްކޮށްފައިވާ މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޕްލާންޓެކެވެ.
މި އައިސްޕްލާންޓް ހުޅުވުމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ރަށުގެ އެކި ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް ޤާއިމްކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި މި އައިސްޕްލާންޓް ޤާއިމްކުރެވުމާއެކު މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރަންޖެހޭ ޚަރަދުތައް ވެސް ކުޑަވެގެންދާނެއެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބި، އެ ސަރަހައްދުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ފާހަގަކުރައްވައެވެ.