ސިނގިރޭޓް ވައްކަން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި މަޝްހޫރު ދެ ވިޔަފާރިވެރިންނަށް އެ ވައްކަން ކުރުމަށް ފަންޑުކުރި ކަމުގެ ތުހުމަތުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެ އެވެ.

އުމުރުން 65 އަހަރުގެ ދިގަލީގެ ބަންދަށް 10 ދުވަސް އަދި އުމުރުން 61 އަހަރުގެ އާއްޓޭގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިއްޔެ ދީފަ އެވެ.

ބ. އޭދަފުއްޓަށް އުފަން ދިގަލީގެ ބަންދު އަމުރުގައިވާ ގޮތުން މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ގިނަ ބައެއްގެ ބައިވެރިވުމާ އެކު، ރާވައިގެން ގަވާއިދާ ހިލާފަށް ވަގަށް ބޭރުކޮށްފައި ކަމަށް ތުހުމަތު ކުރެވެ އެވެ. އެކަން ރޭވުމާއި އެ އަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ދިގައްޔާއި އާއްޓޭގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި އެބަ ހުރި ކަމަށް އަމުރުގައިވެ އެވެ.

އާއްޓޭ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި، އަމުރުގައި ވަނީ ބޭސް ފަރުވާގެ ކަންކަމާ ގުޅިގެން ފާހަގަކުރި ކަންކަމަށް ކަސްޓޯޑިއަލްގައި ހުންނަ އުސޫލުގެ ތެރެއިން ހަމަޖެއްސުމަށް އައިއޯއަށް އަންގާފައިވާ ކަމަށެވެ.

ދިގަލި ހައްޔަރު ކޮށްގެން ފުރަތަމަ ގެންދިޔައީ ކަސްޓޯޑިއަލް ޖަލަކަށް ކަމަށް ވާތީ އޭނާގެ ހައްޔަރު އިޖުރާއަތު ގޯސްކަމަށް ދިފާއުން ފާހަގަކުރިޔަސް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *