ވާނުވާ ބަންދުގައި މިވަގުތު 300 އެތައް ބަޔަކު އެބަތިބި އެއީ މައްސަލައެއް: ރައީސް

"ވާނުވާ ބަންދުގައި" މިވަގުތު 300 އެތައް ބަޔަކު ތިބިއިރު، ހައެއްކަ އަހަރުގެ މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާ މީހުން އޭގެތެރޭގައި އެބަތިބި ކަމަށާއި، އެފަދަ ގޮތަކަށް ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ރައްޔިތުންނާއެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

"ވާނުވާ ބަންދުގައި" މީހުން ބޭތިއްބުމުގެ މައްސަލައަށް އޮތް ދާއިމީ އެންމެ ރަނގަޅު ޙައްލަކީ މައްސަލަ ބަލައި ނިންމުން އަވަސްކުރުން ކަމުގައި ވާއިރު، މައްސަލަތައް އަވަހަށް ބަލައި ނިންމުމުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ސަރުކާރަށް ކޮށްދެވޭނެ ކަމަކަށް އޮތީ ޖާގައާއި ވަޞީލަތުގެ ގޮތުން ފޯރުކޮށްދެވެން އޮތް އެހީއެއް ފޯރުކޮށްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހުށަހެޅޭ މައްސަލަތައް ރަނގަޅަށް ބަލައި، އިންސާފުވެރިކަމާއެކު އަވަހަށް ނިންމުމަކީ ޝަރުޢީ ދާއިރާގެ ތެރެއިން ކުރައްވަންޖެހޭ ކަމެއް ކަމަށާ، އެކަންކަން ކުރުމަށް، މާތް ﷲގެ އިރާދަފުޅާއެކު، ޝަރުޢީ ދާއިރާއަށް ސަރުކާރުން މަގުފަހިކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތްތައް މުޅިން ނިމޭއިރު، ޝަރުޢީ ދާއިރާއަށް އިދާރީ ގޮތުން ބޭނުންވާ އެހީތެރިކަން ވެސް ސަރުކާރުން ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައިއެވެ. މިއާއެކު، އެއްފަހަރާ ގިނަ މަސައްލަތަކެއް ބެލުމުގެ ފުރުޞަތު ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ފުރިހަމަ ކަފާލާތުގެ ނިޒާމެއް ޤާއިމުކުރެވިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. މިވަގުތު ޤާނޫނީ އިމުގެ ތެރެއިން ކަފާލާތު ލިބުމަށް އޮންނަނީ ހަނި ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި މައްސަލައަށް ފުރިހަމަ ގޮތެއްގައި، ވަށައިޖެހޭ ޙައްލެއް ގެނައުމަށް ޓަކައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާ ކަމަށެވެ.

ކުށުގެ ތުހުމަތުގައި މީހަކު ބަހައްޓާފައި ހުންނަ ތަނަކީ އިންސާނީ ކަރާމާތް ހިމާޔަތްކުރެވޭ ތަނަކަށް ވާންޖެހޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ލިބިވަޑައިގެންފައިވާ މަޢުލޫމާތަށް ބަލާއިރު، ކުށުގެ ތުހުމަތުގައި ބައެއް މީހުން މިވަގުތު ތިބި ތަންތަނުގެ ހާލަތު ދަށް ކަމަށާއި، އިންސާނީ ކަރަމާތްވެސް ހިމާޔަތް ކުރެވޭނެ ހާލަތު، އެތަންތަނުގައި ނެތްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއީ ވަރަށް ސީރިއަސްކަމާއެކު ބައްލަވާނެ މައްސަލައެއް ކަމަށާ، ކުށުގެ ތުހުމަތުގައި ބައިތިއްބާފައި ތިބޭ ތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *