ސުޕްރީމް ކޯޓު ހުއްޓިގެން އިބުރާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ކޯޓުގެ ހިންގުން ހުއްޓިފައިވާކަމަށްބުނެ އެކަމަށް ހައްލެއް ހޯދަން ކުރީގެ މަޖިލީސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އިބްރާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ސުޕްރީމް ކޯޓަކީ އަބަދުމެ، ހިނގަހިނގާ އޮންނަން ޖެހޭނެ ތަނެއްކަމަށާއި ކޯޓުތަކުގެ ނިޒާމުން އެއް މުއައްސަސާ ވެސް ހުއްޓިއްޖެނަމަ މުޅި ނިޒާމަށް އޭގެ އަސަރު ކުރާނެކަމަށެވެ.

އެހެން އެކަން އޮތްއިރު ފަނޑިޔާރުންގެ ސަސްޕެންޝަނާ އެކު ކޯޓުގެ ބައެއް މަސައްކަތްތައް ހުއްޓިފައިވާކަމަށް އިބްރާ ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ އެކަމުގައި ދުސްތޫރީ މައްސަލައެއް ނެތް ކަމަށް ބުނެއެވެ. ނަމަވެސް އިބްރާ ވިދާޅުވެފައިވަނީ، ކޯޓުން އެގޮތަށް ނިންމި ސަބަބެއް ސާފުނުވާ ކަމަށެވެ.

މި މައްސަލަ އިބްރާ ހައިކޯޓަށް ވެސް ހުށަހެޅިއެވެ. އެ ކޯޓުން ވެސް ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން 3 ބޭފުޅެއްގެ ސުލޫކީ މައްސަލައެއް ބަލާކަމަށްބުނެ ޖޭއެސްސީންވަނީ އެ ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *