ރާއްޖެ ޑިޖިޓަލް ކުރުމަށް ކުރާ މަސައްކަތް ސިޔާސީ ނުކޮށް، އެ މަސައްކަތުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ރާއްޖެ އަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި "މޯލްޑިވްސް 2.0″ ރޭ އިފުތިތާހުކޮށްފައިވާ އިރު، މިކަމުގެ ބޭނުމަކީ އީ ވޯޓިން ތައާރަފުކޮށް، އިންތިހާބު އޮޅުވާލުން ކަމަށް އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށާއި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެވެ.
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟" ރައީސް އެއްސެވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އެ މަނިކުފާނު ގަސްދު ކުރައްވާ ކަމެއް ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގައި އަށަގަނެފައިވާ ކޮރަޕްޝަންގެ ވަބާއިން ސަލާމަތް ކުރުުން ކަމަށެވެ. ހިދުމަތް ދިނުމުގެ ނިޒާމުގައި ކޮރަޕްޝަން ވަރަށް ބޮޑަށް އެބަ އޮތް ކަމަށާއި ޑިޖިޓަލް ކުރުމަކީ އެކަން ހުއްޓުވޭނެ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅުގެ ފާޑުކިޔުން ތަކަށް ރައްދު ދެއްވާ ހޯމް މިނިސްޓަރު އިހްސާވެސް ވަނީ ޓްވީޓެއް ކުރައްވާ ފައެވެ. އޭނާ ވިދާޅުވީ ވިދާޅުވީ އޭނާއަކީ "މޯލްޑިވްސް 2.0″ އިފްތިތާހް ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ރައީސްގެ އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރެއްް ކަމަށެވެ. ރައީސް އަބަދުވެސް ތަކުރާރު ކުރައްވާ އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ހިދުމަތެއް ދެވޭ ގޮތަށް "މޯލްޑިވްސް 2.0″ ކުރިއަށް ގެންދިއުން ކަމަށެވެ.
މިމަސައްކަތުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުން ކަމަށްވެސް އިހްސާން ވިދާޅުވި އެވެ.
"ރައީސް އަރިހުގައި އެސްޓޯނިއާއަށްވެސް ދެވި އަދި ރޭގެ ޖަލްސާގައިވެސް ބައިވެރިވެވި އިއްތިފާގުން މޯލްޑިވްސް 2.0 އިމްޕްލިމެންޓްކުރުމުގެ ޒިންމާވެސް އޮތް ވަޒީރުގެ ހައިސިއްޔަތުން ދަންނަވާލަމެވެ. އެސްޓޯނިއާގައިވެސް އަދި ރޭގައިވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިން ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެ ކަމަށެވެ،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ރާއްޖެ ޑިޖިޓަލް ކުރުމުން ހިންގުމަށް މިހާރު ކުރާ ހޭދަވެސް ވަރަށް ބޮޑަށް ކުޑަކުރެވި ހިދުމަތްތައް އަވަސް ކުރެވޭނެ ކަމަށެވެ.
ރާއްޖެ ޑިޖިޓަލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެންނެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑަކީ ސްމާޓް ކާޑަކަށް ބަދަލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ސައިބާ ސެކިއުރިޓީ ވަރުގަދަކުރުން ފަދަ ކަންކަން ހިމެނެ އެވެ.


