ފިލްޒާގެ ލަފާގައި ހަރުދަނާ ކަމެއް ނެތް، ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި އިޖުރާއީ ގޯހެއް ނޯންނާނެ: ރިޒާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ ގޯސް ކަމަށް ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ ކޮމިޓީއަށް ފިލްޒާ ލަފާ ދެއްވާފައިވަނީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލު ކޮށްފައިވަނީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށެވެ.

ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޖޭއެސްސީން ފޮނުވާފައިވާ މައްސަލައަށް މަޖިލީހުގެ މިއަދު ޖަލްސާގައި ބަހުސް ކުރައްވަމުން މާފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޒާ ވަނީ ތަހުގީގު ހިންގުމުގައި ޖޭއެސްސީން އަމަލުކުރި ގޮތް ދިފާއު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމޭނީ ހަމައެކަނި މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމިޓީއަށް ކަމަށް ފިލްޒާ ވިދާޅުވެފައިވަނީ ގޯސް މާނަ ކުރުމެއްގެ ތެރެއިން ކަމަށެވެ. އެއީ، ޖޭއެސްސީގެ ގާނޫނުގައި ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ނުބެލުމުގެ ބާރާއި މުރާޖައާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭތީ ކަމަށެވެ. އަދި ގާނޫނުގެ 23 ވަނަ މާއްދާގައި (ހ)ގައި މައްސަލައެއް ބެލުމާ ގުޅޭގޮތުން ކޮމިޓީ ނުވަތަ ކޮމިޝަނުން ގޮތެއް ނިންމިދާނެ ކަމަށް ބަޔާންކޮށްފައިވުމުން ވެސް އެނގިގެން ދަނީ މައްސަލައެއް ބަލަން ނިންމުމުގެ ބާރު މުޅި ކޮމިޝަނަށް ވެސް ލިބިގެންވާ ކަން ކަމަށް ރިޒާ ވިދާޅުވި އެވެ.

އެހެންވެ، ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ބަލަން ކޮމިޝަނުން ނިންމާފައިވަނީ އެ ކޮމިޝަނަށް ލިބިދޭ އިހްތިޔާރީ ބާރުގެ ހުދޫދުގެ ތެރެއިން ކަމަށާއި މައްސަލަ ބެލުމުގައި ޖޭއެސްސީން އެއްވެސް އިޖުރާއަތާ ހިލާފުވެފައިނުވާ ކަމަށް ރިޒާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *