ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ ޕްލެޓްފޯމްތަކާއި ސްކޭމްގެ މައްސަލަތައް ވެސް މަޖިލީހުން ބަލަނީ

ސޯޝަލް މީޑިއާގައި ހިންގާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އޮންލައިން ޕްލެޓްފޯމުތަކާއި ސްކޭމްގެ އެހެން މައްސަލަތައް ވެސް ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީން ބަލަން މިއަދު ނިންމައިފި އެވެ.

ރާއްޖޭގެ ހިންގާ ބޮޑެތި ޕިރަމިޑް ސްކީމްތަކުން އެތައް ބަޔަކަށް ލަނޑު ލިބިފައިވާތީ، އެ މައްސަލަ ކޮމިޓީން ބަލަން ހުށަހެޅުއްވީ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިރުހާނެވެ. އޭނާ ހުށަހެޅުއްވީ ކަމާބެހޭ އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށް، އެ މައްސަލަތައް ހިނގާފައިވާ ގޮތް ބެލުމަށެވެ.

"ޕިރަމިޑް ސްކީމޭ މި ވިދާޅުވަނީ ފާޑުފާޑުގެ އެޕްތައް ހަދައިގެން މީހުން އޭގެ ޖާދުލުގައި ޖައްސައިގެން ހިންގާ ސްކޭމްތައް. މި މައްސަލަތައް ބަލައިދިނުމަށް އަޅުގަނޑު މި ދަންނަވަނީ،" ޝިރުހާން ވިދާޅުވި އެވެ.

އެ މައްސަލާގައި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފު ވިދާޅުވީ ހަމައެކަނި ޕިރަމިޑް ސްކީމްތަކުގެ މައްސަލަ އެކަނި ނުބަލައި، ސޯޝަލް މީޑިއާގައި އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްގެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ.

"ހަމައެކަނި ސްޕެސިފިކް މިކަމެއް ނޫން. އޭގެ ތެރެއިން މިކަން ވެސް ގެންދެވިދާނެ. ޕިރަމިޑް ސްކީމްތައް އެކަންޏެއް ނޫން، މި ރާއްޖޭގައި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގަމުންދޭ. ޖުވާ ކުޅޭ ޕްލެޓްފޯމުތައް ވެސް އޯޕަންކޮށް ބޭނުންކުރޭ، އޭގެން ފައިސާގެ މުއާމަލާތްތައް ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ޖަމާކުރޭ،" އިމްރާން ވިދާޅުވި އެވެ.

ޖުވާ ކުޅޭ ޕްލެޓްފޯމުތަކުން އެކައުންޓްތަކަށް ޖަމާކުރާ ފައިސާ ބީއެމްއެލް އިން މިހާރު ބްލޮކްކުރާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި އެކަމަކު އޭގެ އިތުރު މައުލޫމާތު މަޖިލީހުން ހޯދަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީން ފާސްކުރީ އެ މައްސަލަތައް ބެލުމަށް ކަމާބެހޭ އިދާރާތަކާ ބައްދަލު ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *