ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ އެއްބަސްވުން މި ވަގުތަށް ހަދަން ނިންމާފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ ތަން ލިބޭ މީހުންނަށް މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މިއަދު ވިދާޅުވީ، އެ އުސޫލުން އަމަލު ކުރަން ނިންމީ ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވުމުން ކަމަށެވެ.
"އެހެންވީމާ ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމާ ހަގީގަތުގައި ސަރުކާރަށް އެ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ވެރިފަރާތުން ކުލި ނުދެއްކުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މިނިސްޓަރު ވިދާޅުވިގޮތުގައި އެ މައްސަލަ އަށް ހައްލެއް ލިބެން މި ވަގުތަށް އޮތީ ރައްޔިތުންގެ މަޖިލިހުން މިހާރު ފާސްކުރަން ތައްޔާރުވަމުން އަންނަ ގެދޮވެރިވެރިކަމުގެ ބިލުންނެވެ. އޭރުން ކުލި ނުދައްކާ މީހުން ގޮވައިގެން ކޯޓު މަރުހަލާ އަށް ނުގޮސް އަދި މާ ބޮޑު ދަތިތަކެއް ނެތި ކުލި ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"… ދެވަނަ ކަމަކީ މިހާރު މި ދޭ ފްލެޓުތައް ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން. އެއްގޮތަކީ ބޭންކު މޯގޭޖު ފައިނޭންސްގެ ތެރެއިން ލުއި ފަސޭހަތަކެއްގެ ތެރެއިން އެ މީހުންނަށް މޯގޭޖެއްގެ ގޮތުގައި އެ ތަން ދިނުން. އަނެއް ގޮތަކީ ކުލި ދައްކާ ގޮތަށް ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތު ހަމަވީމާ އެ ފަރާތްތަކަށް އެ ތަން މިލްކުވާ ކަހަލަ އުސޫލެއް ކަނޑައެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ތައްޔާރުވަމުން އަންނަ 4،000 ފްލެޓާ މެދު އަމަލުކުރަން ނިންމާފައި ވަނީ މުއްތަލިބު ވިދާޅުވި ގޮތުގައި ކުލި ދައްކައި ނިމުމުން މިލްކު ކޮށްދިނުމުގެ އުސޫލެވެ.
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. އެހެންވެ، އެޗްޑީސީން މި މަހު ވަނީ ކުލި ނުދައްކާ މީހުންނަށް ނޯޓިސް ފޮނުވަން ފަށައި އެ ކަންކަން ދާއިމީކޮށް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފަ އެވެ.


