ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ފުރަތަމަ މަޝްރޫއުގެ ގޮތުގައި 100 މެގަވޮޓުގެ ފްލޯޓިން ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާ ގުޅޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށް އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކުގެ ތެރެއިން ހަތް ވަނަ މޯލްޑިވްސް ބިޒްނަސް ފޯރަމުގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ފޯރަމުގައި 100 މެގަވޮޓުގެ ސޯލާ ސިޓީ މަޝްރޫއުގެ އިންވެސްޓްމެންޓް އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މަޝްރޫއު ކުރިއަށް ގެންދާ ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަަހައްދުގައި ކުރިއަށް ގެންދިއުމަށް މިހާރަށް ހުއްދަ ލިބިފައިވާ ފުރަތަމަ މަޝްރޫއު އެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުއްދަ ދީފައިވާ މަޝްރޫއަކީ 2028 ވަނަ އަހަރަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.


