ރައްޔިތުންނާ ގުޅޭ މުހިއްމު ކަންކަމާއި ގައުމީ އެކި މައްސަލަތަކުގައި ރައްޔިތުންގެ ވޯޓަށް އެހުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ފޮނުވައިފި އެވެ.
"ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގެ ނަމުގައި ސަރުކާރުގެ ފަރާތުން އިނގުރައިދޫގެ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި އިއްވި އެވެ.
އެ ބިލް މަޖިލިހަށް ހުށަހެޅިއިރު، ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17 އިގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުމާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމެކެވެ.
މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ އެކަމާ ގުޅިގެން ރައްޔިތުންގެ ވޯޓަކަށް އަހަން ނިންމާފައިވާ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ބަދަލުތައް ގެންނާނީ ރައްޔިތުންގެ ވޯޓަކަށް ގޮސް ރައްޔިތުންގެ ހިޔާލާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލްގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި ރިޔާސަތުގެ ދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި ރައީސް ބިލްތައް ތަސްދީގުކުރުމާއި ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގަ އެވެ.
ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ތަސްދީގުނުކޮށް ރައީސް އަނބުރާ ބިލު މަޖިލީހަށް ފޮނުވާލައިފި ހާލަތްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމަށް މަޖިލީހުން ނިންމަން ޖެހެ އެވެ.
ގައުމީ މުހިއްމު މައްސަލަތަކުގައި އާންމުންގެ ހިޔާލު ހޯދަން ފެންނަ ކަމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަމަ މި ގާނޫނުގެ ދަށުން ހިޔާލު ހޯދަން ވޯޓަށް އެހިދާނެ ކަމަށް ބަޔާން ކޮށްފައި ވެ އެވެ. އަދި އެފަދަ ހާލަތްތަކާއި އާންމުންގެ ވޯޓަށް އަހަން އެ މަނިކުފާނަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅަން ޖެހެނީ ރައީސް ސޮއި ކުރައްވައި ނެރުއްވާ ގަރާރަކުންނެވެ.


