ފަލަސްތީނުގެ ޣައްޒާގައި، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭން ދުނިޔެއަށް ގޮވާލައިފި އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ސިޔާސަތުތައް ސަރީރު ސިފަކުރެއްވީ، ނިޒާމީ ގޮތެއްގައި ރޭވިގެން، ބާރުގެ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިންތަކުން ބާލައި، މުދަލާއި ބިންތައް ފޭރިގަނެ، އިންސާނީ ހައްގުތަކާއި ކަރާމާތް ނިގުޅައިގަތުމަށް މަގުފަހިކުރާ ސިޔާސަތުތަކެއްގެ ގޮތުގަ އެވެ.
މި އިސްތިއުމާރާއި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޒްރޭލުން މެދު ކެނޑުމެއް ނެތި ހިންގަމުންދާ ލާއިންސާނީ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާ އަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައް ކަމުގައި އެ ސަރީރު ވިދާޅުވި އެވެ.
މީގެ އިތުރުން، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ސާބިތުކަމާއެކު މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ.
އދ.ގެ އާންމު މަޖިލީހުގެ ގަރާރަކުން، 1975 ވަނަ އަހަރު އުފައްދާފައިވާ ސީއައިއާރްޕީޕީގެ މަގުސަދަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުސްތަގިއްލު ދައުލަތަކާ އެކު ގައުމީ މިނިވަންކަމާއި ސިޔާދަތީ ބާރު ހިންގުމުގެ ހައްގު އަލުން ހޯދައި ދިނުމަށްޓަކައި ތަންފީޒުކުރާނެ ޕްރޮގްރާމެއް ހުށަހެޅުމެވެ. މި ކޮމިޓީގެ ހުށަހެޅުންތައް ވަނީ އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފަ އެވެ. އަދި މި ކޮމިޓީއިން ކޮންމެ އަހަރަކު އދ.ގެ އާންމު މަޖިލީހަށް ރިޕޯޓު ހުށަހަޅަ އެވެ.
ރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އަންނަ އެ ޖަމިއްޔާގެ މެމްބަރު ގައުމެކެވެ.


