ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އައްޑޫއަށް ވަޑައިގެންނެވުމުން އެ ސިޓީން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މެޑަމް ސާޖިދާ އައްޑޫއަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މެޑަމް ސާޖިދާ އައްޑޫއަށް ވަޑައިގެންނެވީ ފޭދޫ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ސްކޫލުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިއީ އެ ސްކޫލުން އެރުވި ޚާއްޞަ ދަޢުވަތަކަށް އިޖާބަ ދެއްވައިގެން ކުރައްވާ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބެ އެވެ.
މެޑަމް ސާޖިދާ މިއަދު އައްޑޫއަށް ވަޑައިގެންފާ ވާއިރު މި ހަފްތާ ތެރޭގައި އެކަމަނާ ވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާވެސް ޝަރަފްވެރިކޮށްދެއްވާފަ އެވެ.
ފަސްޓް ލޭޑީގެ މިފަދަ ދަތުރުފުޅުތަކުގައި އާންމު ގޮތެއްގައި ރަށްރަށުގެ ސިއްހީ މަރުކަޒުތައް ނުވަތަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވަ އެވެ. އެހެންކަމުން އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާނެކަމަށް ބެލެވެ އެވެ.


