’އަހާ‘ ފޯރަމް އަންނަ ހޯމައިގައި، ހަތަރު ވަޒީރަކާ ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ”އަހާ“ ފޯރަމް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ހަތަރު ވަޒީރުންނެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމްގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދުއެވެ.

މި ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ދައުލަތުގެ މީޑިއާގެ ’ޕީއެސްއެމް އެއާ‘ އެޕް މެދުވެރިކޮށް ހުޅުވާލާފައިވާއިރު، ފޯރަމް ކުރިއަށްދާ ވަގުތުގައިވެސް އެ އެޕާއި ފޭސްބުކް އަދި އެކްސް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

’އަހާ‘ ފޯރަމަކީ ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ފޯރަމެކެވެ. މި ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވުނީ މިދިޔަ އަހަރުގެ ޖަނަވަރީ 25 ގައެވެ. އޭގެ ފަހުން ބޭއްވުނު ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާފައިވެ އެވެ.

މިހާތަނަށް ބޭއްވިފައިވާ ފޯރަމްތަކުގައި ކޮންމެ ފަހަރަކުވެސް އެވަގުތަކު ރައްޔިތުންގެ ޝައުގުވެރިކަން ހުރި ދާއިރާތަކާ ގުޅޭ މިނިސްޓަރުން ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެ ވަޑައިގެންފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *