އަމާޒަކީ އެސްއެމްއީތަކަށް ވިއްކާ ޑޮލަރު 50 ޕަސެންޓަށް އިތުރުކުރުން: އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން ބުނީ، ވިޔަފާރިތަކުން މާރުކުރާ ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ ހަ މަސް ތެރޭ މާރުކުރި އަދަދު 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ އިދާރާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ވިޔަފާރިތަކަށް ޑޮލަރު ވިއްކާ ވަރު އިތުރުކުރަމުން އަންނަ ކަމަށެވެ.

"ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސެންޓުގައި. ނަމަވެސް އަމާޒަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކްތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން،" އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރުގެ ބޭރުގެ ދަރަނި ދައްކަން 88 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ހަރަދު ކުރި ކަމަށެވެ. އެހެންވެ، ދަރަނި އަދާކުރުމަށް ޑޮލަރުން ކުރި ހޭދަ ވަނީ 51 ޕަސެންޓް އިތުރުވެފަ އެވެ. އެއީ އެމްއެމްއޭގެ ރިޒާވަށް ކުރިމަތިވި އިތުރު ޕްރެޝަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *